ސިނަމާލެ ބްރިޖް މަތީގައި ބޯކޮށް ވާރޭވެހެމުންދިޔަ ވަގުތެއްގައި، މަގުގެ އެއްފަރާތުގައި މަޑުކޮށްގެން އިން ސައިކަލެއްގައި ފަހަތުން އައި އެހެން ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 30 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާވެ، އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
ރޭ ދަންވަރު 2:21 ހާއިރު ހިނގި މި ހާދިސާގައި އަނިޔާވެފައިވަނީ ފަހަތުން ދުއްވާފައި އައިސް ޖެހުނު ސައިކަލު ދުއްވަން އިން މީހާއަށެވެ. އެ މީހާގެ ފައިގެ ކަށިމަތި ފަޅައިގެން ގޮސްފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން މައުލޫމާތު ދެއެވެ.
މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ބޯކޮށް ވާރޭވެހުމުގެ ސަބަބުން ދުއްވަން އުނދަގޫވެގެން ބްރިޖްގެ އެއްފަރާތުގައި މަޑުކޮށްފައި ހުރި ސައިކަލެއްގައި، ފަހަތުން ދުއްވާފައި އައި ސައިކަލު ކޮންޓްރޯލް ނުވެ ގޮސް ޖެހިގެން ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.













