ސަޢޫދީ ޢަރަބިއްޔާއާއި ދިވެހިރާއްޖެއާ ދެމެދު އޮތް ބަދަހި ގުޅުމުން ފެންނަނީ މުޅިން އައު މިސްރާބެއް ކަމަށާއި، ދެ ޤައުމުގެ އިޤްތިޞާދީ އަދި ޚާރިޖީ އެކުވެރިކަން ވަރުގަދަވަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ސަޢޫދީ ޢަރަބިއްޔާގެ 96 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގައި ހުންނަ އެ ޤައުމުގެ އެމްބަސީން އިންތިޒާމުކޮށްގެން ބޭއްވި ޚާއްޞަ ޙަފްލާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އެ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، ދެ ޤައުމުގެ މެދުގައި އޮތީ ދެ ފަރާތަށްވެސް ނުހަނު ފައިދާކުރަނިވި، ވަރުގަދަ ގުޅުމެކެވެ. އަދި ސަޢޫދީގެ އިންވެސްޓަރުންނަށް ފުރިހަމައަށް މަރުޙަބާ ކިޔަން ރާއްޖެ އޮތީ ތައްޔާރަށް ކަމަށާއި، އެ ޤައުމުގެ ވިޔަފާރިވެރިންނަށް އެންމެ ފަހި މާޙައުލު ރާއްޖޭގައި ގާއިމުކޮށްދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
މިއަދުގެ ދުނިޔޭގައި ސަޢޫދީ އަރަބިއްޔާއަކީ އިޤްތިޞާދީ ގޮތުން ބޮޑު ނުފޫޒެއް ފޯރުވަމުންދާ ޤައުމެއްކަން ފާހަގަކުރައްވަމުން، އެ ޤައުމުން ކުރިއަށްގެންދާ އިންޤިލާބީ ތަރައްޤީގެ ޕްލޭނަށް ރައީސް ވަނީ ތަޢުރީފު ކުރައްވާފައެވެ.
ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުމުގެ މުހިންމުކަން ފާހަގަކުރައްވަމުން، ސަޢޫދީ އަރަބިއްޔާއިން އެކި ދާއިރާތަކުން ރާއްޖެއަށް މެދުކެނޑުމެއްނެތި ފޯރުކޮށްދެމުންދާ ދީލަތި އެހީތެރިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ޤައުމުގެ ވެރިންނަށާއި ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.












