އަންނަ އޮކްޓޫބަރު މަހުގެ 8 ވަނަ ދުވަހުން ފެށިގެން، ރާއްޖޭގެ ވިޔަފާރީގެ މުހިންމު ދެ ދާއިރާއެއްގައި ހަރަކާތްތެރިވެވޭނީ ހަމައެކަނި ދިވެހިންނަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.
އަދި މި ބަދަލާ ގުޅިގެން ރާއްޖޭގައި ވިޔަފާރިކުރުން މަނާވާ ބައެއް ބޭރުގެ ކުންފުނިތަކާ ގުޅޭގޮތް ނުވުމުގެ ސަބަބުން، އެ ފަރާތްތަކުގެ ނަންތައްވެސް އެ ވުޒާރާއިން މިހާރު ވަނީ އާންމުކުރައްވާފައެވެ. ރާއްޖޭގެ އިގުތިސާދު ހަރުދަނާކޮށް، ދިވެހި ވިޔަފާރިވެރިންނަށް ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން ގާނޫނަށް ގެނެވުނު އިސްލާހުތަކާއެކު، އަންނަ މަހުގެ 8 އިން ފެށިގެން ގާނޫނީ ގޮތުން ބައެއް ފިޔަވަޅުތައް ތަންފީޒުކުރަން ފެށޭނެއެވެ. އެގޮތުން، ރާއްޖޭގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިކުރާ ބޭރުގެ ފަރާތްތަކުގެ އިތުރުން، އެއަރލައިންތަކުގެ ކާގޯ ސޭލްސް އޭޖެންޓް، ޖެނެރަލް ސޭލްސް އޭޖެންޓް އަދި ޕަސެންޖަރ ސޭލްސް އޭޖެންޓްގެ ހުދުމަތްދޭ ބޭރުގެ ކުންފުނިތަކުން އެ ވިޔަފާރިތައް ހުއްޓާލަން ޖެހޭނެއެވެ.
އަދި އާ ފޮރިންގ އިންވެސްޓްމަންޓް ގަވާއިދާ އެއްގޮތަށް، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފިޔަވަޅުތައް އެޅުމަށް އެ ވުޒާރާއިން ވަނީ ބޭރު ކުންފުނިތަކަށް އަންގަވާފައެވެ.
އިންތިގާލީ މަރުހަލާގެ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި ބައެއް ކުންފުނިތަކަށް ގުޅުމަށް ކުރި މަސައްކަތް ކާމިޔާބު ނުވުމުން، 8 ކުންފުންޏެއްގެ ނަން މިހާރު ވަނީ ހާމަކޮށްފައެވެ. އެ ވުޒާރާއިން ވަނީ ލަސްނުކޮށް ’އިންވެސްޓް މޯލްޑިވްސް‘ އާ ގުޅައިގެން، އާ ފޮރިން އިންވެސްޓްމަންޓް އުސޫލުތަކުގެ ދަށުން ފުރިހަމަކުރަންޖެހޭ ޝަރުތުތަކާއި އަޅަންޖެހޭ ފިޔަވަޅުތައް ކަނޑައެޅިފައިވާ މުއްދަތުގައި ނިންމުމަށް އެ ކުންފުނިތަކަށް އިލްތިމާސްކުރައްވާފައެވެ.
އެއަރލައިންތަކުގެ އެޖެންޓުންގެ ގޮތުގައި ހަރަކާތްތެރިވެވޭނީ ސައްތައިން ސައްތަ ދިވެހި ކުންފުނިތަކަށް އެކަނި ކަމަށް ސަރުކާރުން ނިންމަވައި އިއުލާންކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގައެވެ. މި ނިންމުމުގެ ސަބަބުން، ރާއްޖޭގެ ފަތުރުވެރިކަމާއި ވައިގެ ދަތުރުފަތުރުގެ ދާއިރާގައި މަސައްކަތްކުރާ ދިވެހި ކުންފުނިތަކަށް ކުރިއެރުމުގެ ބޮޑެތި ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ. ވިޔަފާރީގެ ބައެއް ދާއިރާތައް ދިވެހިންނަށް ހާއްސަކުރުމުގެ އިތުރުން، ބައެއް ހާއްސަ ވަޒީފާތަކަކީވެސް ހަމައެކަނި ދިވެހިންނަށް އަދާކުރެވޭނެ ވަޒީފާތަކެއްގެ ގޮތުގައި ސަރުކާރުން މިހާރު ވަނީ ހަމަޖައްސަވައިފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން އިގުތިސާދުގައި ދައުރުވާ ފައިސާ އިތުރުވެ، ގައުމުގެ މާލީ ހާލަތު އިތުރަށް ބަދަހިވެގެންދާނެ ކަމަށް ސަރުކާރުން ލަފާކުރައްވައެވެ.









