ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ޒަމާނީ ފެންވަރުގެ ބޯލިންގ އެރީނާއަކާއި ގޭމިންގ އާކޭޑެއް ތަރައްގީކުރުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.
މި މަޝްރޫއަކީ ހުޅުމާލޭގައި ދިރިއުޅޭ އެކި އުމުރުފުރާތަކުގެ ރައްޔިތުންނާއި، ހުޅުމާލެއަށް ޒިޔާރާތްކުރާ ފަރާތްތަކަށް މުނިފޫހިފިލުވުމުގެ ފުރިހަމަ ވަސީލަތްތައް ފަހިކޮށްދީ، ހިތްފަސޭހަ މާހައުލެއް ބިނާކުރުމަށް އެ ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގާ މުހިންމު މަޝްރޫއެކެވެ. ހުޅުމާލޭ ރުއްގަނޑު 2 ސަރަހައްދުގައި ތަރައްގީކުރާ މި މަރުކަޒުގައި 10 ލޭނުގެ ޒަމާނީ ބޯލިންގ އެލީއަކާއި، އެންމެފަހުގެ ވަސީލަތްތައް ހިމެނޭ ގޭމިންގ އާކޭޑެއް ހުންނާނެއެވެ.
މީގެ އިތުރުން އެކި ކަހަލަ ޕާޓީތަކާއި، އިޖުތިމާއީ ތަފާތު ހަރަކާތްތައް ބޭއްވުމަށް ހާއްސަކޮށްގެން މަލްޓި ޕާޕަސް ހޯލެއްވެސް މި ތަނުގައި ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެޗްޑީސީން މައުލޫމާތު ދީފައިވާ ގޮތުގައި، މި ސަރަހައްދު ފަރުމާކޮށްފައިވަނީ ކުޅިވަރު ބަލަންދާ މީހުންނަށްވެސް ހިތްހަމަޖެހުމާއެކު ތިބެވޭނެ ފަދަ އިންތިޒާމުތަކަކާ އެކުގައެވެ. އެގޮތުން ލޮކަރު ރޫމާއި، އާންމު ފާހާނާބަރީގެ އިތުރުން، އެ ސަރަހައްދުގެ ގޮނޑުދޮށަށް މޫދަށް އެރިއުޅޭ ފަރާތްތަކަށް ފަސޭހައިން ފެންވެރޭނެ އިންތިޒާމާއި، ޒިޔާރާތްކުރާ ފަރާތްތަކަށް ހާއްސަ ޕާކިންގ ސަރަހައްދެއްވެސް މި މަޝްރޫއުގެ ދަށުން ތަރައްގީކުރެވިގެންދާނެއެވެ.
ރުއްގަނޑު 2 ސަރަހައްދަށް ގެނެވޭ މި ބަދަލާއެކު، ހުޅުމާލޭގެ ރައްޔިތުންނަށާއި، ޒުވާނުންނާއި އާއިލާތަކުގެ އިތުރުން ފަތުރުވެރިންނަށްވެސް ކުޅިވަރާއި މުނިފޫހިފިލުވުމުގެ އެންމެ ފުރިހަމަ ތަޖުރިބާ ލިބިގެންދާނެއެވެ. އަދި މިފަދަ ވަސީލަތްތަކުގެ ސަބަބުން މުޖުތަމައުގެ އެކުވެރިކަމާއި އިޖުތިމާއީ ގުޅުންތައް އިތުރަށް ބަދަހިވެގެންދާނެ ކަމަށްވެސް އެޗްޑީސީން ފާހަގަކުރެއެވެ.













