ރާއްޖޭގެ ކޮންމެ ރައްޔިތަކީ ދުޅަހެޔޮ ސިއްޙަތަކާއި ހަށިހެޔޮކަން ލިބިގެންވާ މީހަކަށް ހެދުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، ހއ. އުތީމުގައި ޤާއިމުކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ފައުންޑޭޝަން މަސައްކަތް ނިންމާލައިފިއެވެ.
މިކަމާ ގުޅޭގޮތުން ބާރަށު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ޝުޖާޢު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ ކަންކޮޅުތަކުގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއް ކަމަށެވެ. އަދި އެ ވަޢުދުފުޅާ އެއްގޮތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ސެންޓަރުތައް ޤާއިމުކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ކޮންމެ ރައްޔިތަކީވެސް ދުޅަހެޔޮ ސިއްޙަތަކާއި ހަށިހެޔޮކަން ލިބިގެންވާ ރައްޔިތަކަށް ވުމީ މިސަރުކާރުގެ މުހިއްމު އަމާޒެއް.
އެއަމާޒަށް މިޖީލު ވާސިއްވުމަށް ޓަކައި ރައީސް ޑރ @MMuizzu ގެ ވަޢުދުފުޅާ އެއްގޮތައް ރާއްޖޭގެ ކަންކޮޅުތަކުގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް… pic.twitter.com/Wvwsr0Xenw— Ibrahim Shujau (@IbrahimShujaau) September 23, 2026
އުތީމުގައި އިމާރާތްކުރާ ސެންޓަރުގެ ފައުންޑޭޝަން މަސައްކަތް ނިމިފައިވާއިރު، އިމާރާތުގެ ސްޓްރަކްޗަރގެ މަސައްކަތަށް ބޭނުންވާ ސާމާނު މިހާރު ވަނީ އެ ރަށަށް ގެންގޮސްފައެވެ. އަދި ސްޓްރަކްޗަރ ރޭވުމުގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށްވެސް ޝުޖާޢު ވިދާޅުވިއެވެ.
މެންބަރު ޝުޖާޢު އިތުރަށް ވިދާޅުވީ، މާތްﷲގެ ތަނަވަސް ރަޙުމަތާއެކު، އަންނަ އަހަރުގެ ކުރީކޮޅު މި ސެންޓަރުގެ މަސައްކަތް އެއްކޮށް ނިމިގެންދާނެ ކަމަށެވެ. އަދި އެއާއެކު މި ސެންޓަރުގެ ބޭނުން އުތީމުގެ ޒުވާނުންނާއި އެ ރަށުގެ އެންމެހައި ރައްޔިތުންނަށް ހިފެން ފަށާނެއެވެ.
ޤައުމީ ފެންވަރުގައި ރައްޔިތުންގެ ދުޅަހެޔޮކަމާއި ހަށިހެޔޮކަން އިތުރުކުރުމަށް ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ ރާއްޖޭގެ އެކި ރަށްރަށުގައި ކުޅިވަރާއި ކަސްރަތުގެ ވަސީލަތްތައް ތަރައްޤީކޮށް، ދުޅަހެޔޮ ސިއްޙަތެއްގައި ދެމިތިބުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.












