އިންޑިއާގެ މަޝްހޫރު އީ-ކޮމާސް ޕްލެޓްފޯމުތަކުން ވިޔަފާރިކޮށް، ރާއްޖެއަށް ތަކެތި ގެނެސްދޭ ”ގްލޯބަލް ދުކާން“ މެދުވެރިކޮށް ކުރާ ވިޔަފާރިތަކަށް ދިވެހި ރުފިޔާއިން ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
ގްލޯބަލް ދުކާނުން ހާމަކޮށްފައިވާ ގޮތުގައި، އަންނަ ހުކުރު ދުވަހުން ފެށިގެން އެ ޕްލެޓްފޯމުން ކުރާ ހުރިހާ ވިޔަފާރިއަކަށް ދިވެހި ރުފިޔާއިން ފައިސާ ދެއްކޭނެއެވެ. މި ބަދަލާއެކު، ބޭރު ފައިސާގެ ލިމިޓަށް ބަރޯސާވާން ނުޖެހި، އަދި ފައިސާ މާރުކުރުމުގެ އިތުރު ފީއަކާ ނުލައި ފަސޭހަކަމާއެކު ވިޔަފާރި ކުރުމުގެ ފުރުސަތު ދިވެހި ކަސްޓަމަރުންނަށް ފަހިވެގެންދާނެއެވެ. ޚާއްޞަކޮށް، އޮންލައިންކޮށް މުދާ ގަނެގެން ރާއްޖޭގައި ވިޔަފާރިކުރާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މިކަމުގެ ސަބަބުން ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.
އިންޑިއާގެ އެކި އީ-ކޮމާސް ޕްލެޓްފޯމުތައް އެއް ފުރާޅެއްގެ ދަށަށް ގެނެސްދޭ މި މާކެޓްޕްލޭސް މެދުވެރިކޮށް، އެމެޒޯން، މިންތްރާ، ފްލިޕްކާޓް، ނައިކާ ފެޝަން އަދި އިކިއާ ފަދަ ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ އުފެއްދުންތައް ލިބެން ހުންނާނެއެވެ. މީގެ ތެރޭގައި އެންމެ ފަހުގެ ފެޝަން އަންނައުނާއި، ލައިފްސްޓައިލް އުފެއްދުންތަކުގެ އިތުރުން، އިލެކްޓްރޯނިކްސް އަދި ގޭތެރޭގެ އެކި ސާމާނުތައް ހެޔޮ އަގުގައި ގަންނަން ލިބޭނެއެވެ.
މި ހިދުމަތް ހޯދުމަށްޓަކައި ގޫގުލް ޕްލޭ ސްޓޯރުން ނުވަތަ އެޕަލް އެޕް ސްޓޯރުން ”ގްލޯބަލް ދުކާން“ އެޕްލިކޭޝަން ޑައުންލޯޑް ކޮށްގެން ނުވަތަ އެ ޕްލެޓްފޯމުގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް ލޮގިން ވެވޭނެއެވެ.
މި ޕްލެޓްފޯމް މެދުވެރިކޮށް ގަންނަ ތަކެތި ރާއްޖެއަށް ޑެލިވަރ ކޮށްދެނީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑް މެދުވެރިކޮށެވެ.









