ބޭރު ފައިސާއާ ބެހޭ އައު ގާނޫނުގެ ދަށުން، ރާއްޖޭގައި ހިންގާ ވިޔަފާރިތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީން ކަނޑައެޅޭ ވަކި މިންވަރެއް ރަސްމީ ބޭންކިންގ ނިޒާމުގެ ތެރެއިން މާރުކުރަންޖެހޭ މުއްދަތު އަންނަ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހަށް ހަމަވާނެއެވެ.
މި ގާނޫނަށް ގެނެވުނު އިސްލާހުތަކާއެކު، މީގެ ކުރިން ކޮންމެ ތިން މަހުން އެއްފަހަރު ޑޮލަރު މާރުކުރަން އޮތް އުސޫލު އުވާލައި، ކޮންމެ މަހަކު ވެސް ޑޮލަރު މާރުކުރަންޖެހޭ ގޮތަށް ވަނީ ހަމަޖައްސައިފައެވެ. އަދި ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަން އޮތް އިހުތިޔާރުގެ ބަދަލުގައި، ރިސޯޓުތަކަށް މަހަކު ލިބޭ ޖުމްލަ އާމްދަނީގެ 40 އިންސައްތަ މާރުކުރުން މިހާރު ވަނީ ލާޒިމުކޮށްފައެވެ. އެހެންކަމުން، މި ހިނގާ ސެޕްޓެމްބަރު މަހު ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 އިންސައްތަ، އަންނަ އޮކްޓޫބަރު މަހުގެ 28 ގެ ކުރިން ބޭންކުތައް މެދުވެރިކޮށް މާރުކޮށް ނިންމަން ޖެހޭނެއެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ކޮންމެ މަހެއްގެ 28 ގެ ކުރިން، ވޭތުވެދިޔަ މަހުގެ އާމްދަނީން ކަނޑައެޅިފައިވާ މިންވަރު މާރުކުރަމުން ގެންދަންވާނެއެވެ.
ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން، ބޭރު ފައިސާއިން އާމްދަނީ ލިބޭ އެހެނިހެން ވިޔަފާރިތަކަށް ވެސް މި ގާނޫނުގެ ދަށުން ވަނީ މުހިންމު ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން:
- ކެޓަގަރީ ’އޭ‘ (ރިސޯޓު ފަދަ ތަންތަން): މަހަކު ލިބޭ ޖުމްލަ އާމްދަނީގެ 40 އިންސައްތަ މާރުކުރަން ޖެހޭނެއެވެ.
- ކެޓަގަރީ ’ބީ‘ (ގެސްޓްހައުސް ފަދަ ތަންތަން): ޒިޔާރަތްކުރާ ކޮންމެ ފަތުރުވެރިއަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ ޖުމްލަ އާމްދަނީގެ 20 އިންސައްތަ މާރުކުރަން ޖެހޭނެއެވެ.
- ފަތުރުވެރިކަން ފިޔަވައި އެހެނިހެން ވިޔަފާރިތައް: އަހަރަކު 25 މިލިއަން ޑޮލަރަށް ވުރެ އިތުރަށް އާމްދަނީ ލިބޭ ވިޔަފާރިތަކުން، ޖުމްލަ އާމްދަނީގެ 40 އިންސައްތަ މާރުކުރަން ޖެހޭނެއެވެ. މީގެ ކުރިން މި މިންގަނޑަކީ 15 މިލިއަން ޑޮލަރެވެ. ނަމަވެސް، މީގެ ތެރެއިން ސައްތައިން ސައްތަ ދިވެހި ވިޔަފާރިތަކުން މާރުކުރަން ޖެހޭނީ އެންމެ 7 އިންސައްތައެވެ.
މި ހުރިހާ ފައިސާއެއް ވެސް، އަންނަ މަހުގެ 28 ގެ ކުރިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހުއްދަ ދީފައިވާ ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކޮށް، މާރުކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވެއެވެ. މީގެއިތުރުން، ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ހިންގޭނީ އެމްއެމްއޭގެ ހުއްދަ ލިބިގެން، އެ އޮތޯރިޓީން ކަނޑައަޅާފައިވާ ރަސްމީ ރޭޓުތަކަށް ނުވަތަ ބޭންޑުތަކަށް ވުރެ ބޮޑުނުވާނޭހެންނެވެ. ރަސްމީ ރޭޓަށް ވުރެ މަތީ އަގުތަކުގައި ޑޮލަރު ވިއްކުމާއި، ވިއްކަން އުޅުމުގެ އިތުރުން، އެފަދަ ކަންކަން އިޝްތިހާރު ކުރުމަކީ ވެސް މި ގާނޫނުގެ ދަށުން މަނާކަމެކެވެ.
މިފަދަ ކަންކަމާ ހިލާފުވާ އަމިއްލަ ފަރުދުން 25,000 ރުފިޔާއާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ކުންފުނިތަކާއި ވިޔަފާރިތައް ފަދަ ގާނޫނީ ޝަޚްސުތައް އެއް ލައްކަ ރުފިޔާއާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް ވަނީ ކަނޑައަޅައިފައެވެ.













