ރާއްޖެއަށް ގިނަ އަދަދަކަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތީގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރާ ނެޓްވޯކެއްގައި އިސްކޮށް އުޅޭ ކަމަށް ތުހުމަތުކުރެވޭ ދެބެއިން ގދ. ތިނަދޫން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން ހައްޔަރުކޮށްފައިވަނީ ތިނަދޫ، ހުދުރުވާގޭ، އުމުރުން 38 އަހަރުގެ ފަޒުލީން މުހައްމަދާއި 30 އަހަރުގެ އަޒުލިފު މުހައްމަދެވެ.
ކޯޓު އަމުރެއްގެ ދަށުން ތިނަދޫގެ ގެއެއް ބަލައިފާސްކޮށް، މަސްތުވާތަކެތި ކަމަށް ބެލެވޭ 4.25 ގްރާމްގެ ތަކެތި ހޯދި މި އޮޕަރޭޝަން ހިންގާފައިވަނީ އަޕާ ސައުތު ޕޮލިހުގެ ކައުންޓާ ނާކޮޓިކްސް އޮޕަރޭޝަން ޓީމާއި، ތިނަދޫ ޕޮލިސް ސްޓޭޝަން އަދި ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެންނެވެ.
މި އޮޕަރޭޝަނަކީ މަސްތުވާތަކެތި އެތެރެކުރުމާއި ޓްރެފިކް ކުރުން ހުއްޓުވުމަށް މިއަހަރުގެ ޖުލައި މަހުން ފެށިގެން ފުލުހުން ކުރިއަށްގެންދާ ހާއްސަ މަސައްކަތްތަކުގެ ތެރެއިން ހިންގުނު އޮޕަރޭޝަނެކެވެ.
މި މައްސަލައާ ގުޅިގެން އެ ދެބެއިންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ފަޒުލީން 70 ދުވަހަށް އަދި އަޒުލިފު 30 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ބުނި ގޮތުގައި، މި ދެބެއިންނަކީ މަސްތުވާތަކެތީގެ ވިއުގަ ފުޅާކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ދެ މީހުންނެވެ.
މި މައްސަލަ ތިނަދޫ ޕޮލިހާއި ސީރިއަސް ކްރައިމް އިންވެސްޓިގޭޝަން ގުޅިގެން މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.














