މީދަލުގެ ސިކުނޑީގެ ސެލްތަކުގެ ނިއުރަލް ނިޒާމު ބޭނުންކޮށްގެން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މޮޑެލްތައް އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ބަޔޯލޮޖިކަލް ކޮމްޕިއުޓިން ކުންފުންޏަށް އެމަޒޯންގެ ބޮޑު އެހީތެރިކަމެއް ލިބި، މި ދާއިރާގެ މަސައްކަތްތައް ޙަޤީޤަތަކަށް ވުމާ ގާތަށް ޖެހިލައިފިއެވެ.
އޭއައި މޮޑެލްތައް އުފެއްދުމަށް ބަޔޯލޮޖިކަލް ކޮމްޕިއުޓިން ކުންފުނިން ތަރައްޤީކުރާ ވަސީލަތްތައް އެމަޒޯން ވެބް ސާވިސަސް (އޭޑަބްލިއުއެސް) އަށް ތަޢާރަފުކުރުމަށް މިހާރު ވަނީ ނިންމާފައެވެ. މިއީ މީގެ ކުރިން ބޮޑު ސަމާލުކަމެއް ލިބިފައިނުވާ، ނަމަވެސް ޤުދުރަތީ ބަޔޯލޮޖީއާއި ކޮމްޕިއުޓަރު ކޯޑު އެއްކޮށްގެން އައު ނިޒާމުތަކެއް އުފެއްދުމަށް ކުރެވޭ މަސައްކަތަށް ލިބުނު ކުރިއެރުމެކެވެ.
މި މަޝްރޫޢުގެ ދަށުން ސައިންސްވެރިން ދަނީ މީދަލުގެ ސިކުނޑީގެ ސެލްތައް ނުވަތަ ނިއުރޯންތައް އާލާކޮށް، އެ ސެލްތަކުން ދައްކައިދޭ ނިއުރަލް ހަރަކާތްތަކާއި ސިގްނަލްތައް ރިއަލް-ޓައިމްގައި ޓްރެކްކުރަމުންނެވެ. އަދި މި ސިގްނަލްތަކާއި ބައިލޮޖިކަލް ނިޒާމުތަކުގެ މައްޗަށް ބިނާކޮށް، ކޮމްޕިއުޓިން ނިޒާމުތައް ހިންގުމާއި އޭއައި އަލްގޮރިދަމްތައް ތަރައްޤީކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.
އެމަޒޯން ފަދަ ދުނިޔޭގެ ބޮޑު ކްލައުޑް ކޮމްޕިއުޓިން ކުންފުންޏެއްގެ އެހީތެރިކަން މި ދާއިރާއަށް ލިބިގެންދިއުމަކީ، ކުރިއަށް އޮތް ތަނުގައި ބަޔޯލޮޖިކަލް ކޮމްޕިއުޓިންގެ ވަސީލަތްތައް އާންމުވެ، އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާއަށް ބޮޑު އިންގިލާބީ ބަދަލެއް އަންނާނެ ކަމެއްގެ ގޮތުގައި މާހިރުން ދެކެއެވެ.
މި މަސައްކަތް ކުރަމުންދާ އެމެރިކާގެ ބަޔޯލޮޖިކަލް ކޮމްޕިއުޓިން ކުންފުންޏަކީ ދިރޭ ސެލްތަކާއި ޑިޖިޓަލް ޓެކްނޮލޮޖީ ގުޅުވައިގެން އާޓިފިޝަލް އިންޓެލިޖެންސްގެ އައު ނިޒާމުތައް އުފެއްދުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ބަޔޯޓެކް ކުންފުންޏެކެވެ. މިއީ އާދައިގެ ސިލިކަން ޗިޕްތަކާ އަޅާބަލާއިރު މާ މަދު ހަކަތައެއް ބޭނުންކޮށްގެން ކޮމްޕިއުޓިން މަސައްކަތްތައް ކުރެވޭނެ ބަޔޯ-ހާޑްވެއާ ނިޒާމުތައް އުފެއްދުމަށް އިސްނަގައިގެން މަސައްކަތްކުރާ ކުންފުންޏެކެވެ.










