އަލަށް އުފަންވާ އަންހެން އަދި ފިރިހެން ކުދިންގެ ސަމާލުކަން ދުނިޔެއަށް ހުއްޓޭގޮތުގައި ތަފާތުތަކެއް ހުންނަކަން ފަހުގެ ދިރާސާއަކުން ދައްކައިފިއެވެ.
ކެމްބްރިޖް ޔުނިވަރސިޓީގެ އޯޓިޒަމް ރިސާރޗް ސެންޓަރުން ކުރިއަށްގެންދިޔަ އާ ދިރާސާއަކުން ދައްކާގޮތުގައި، އުފަންވިތާ މާގިނައިރުތަކެއް ނުވާ ތުއްތު ކުދިންގެ ސަމާލުކަން އެކި ކަންކަމަށް ހުއްޓޭގޮތުގައި ޖިންސުގެ ގޮތުން ތަފާތުތަކެއް ހުރެއެވެ. އެގޮތުން އުފަންވިތާ އެވްރެޖްކޮށް 33 ގަޑިއިރުވީ 130 ތުއްތު ކުދިން (67 ފިރިހެން ކުދިން އަދި 63 އަންހެން ކުދިން) ބޭނުންކޮށްގެން ހެދި މި ދިރާސާގައި، އިންސާނެއްގެ މޫނާއި މެކޭނިކަލް އެއްޗެއްގެ ހަރަކާތްތައް އެއްފަހަރާ ދެއްކުމުން އެކުދިން ސަމާލުކަން ދިންގޮތް ވަނީ ބަލާފައެވެ.
ސުކޫލުތަކާއި އިޖުތިމާއީ އަދި ސަގާފީ އަސަރުތައް ކުދިންނަށް ފޯރުމުގެ މާކުރިން ހެދި މި ދިރާސާގެ މަގުސަދަކީ، އިންސާނާގެ ސުލޫކަށް ބަދަލުތައް އަންނަނީ އުފަންވާއިރު ހުންނަ ބަޔޮލޮޖިކަލް ސިފަތަކުގެ ސަބަބުންތޯ ނުވަތަ ތިމާވެއްޓާއި މުޖުތަމައުގެ ސަބަބުންތޯ ބެލުމެވެ.
މި ތަޖުރިބާގައި ކުދިންނަށް ދެއްކީ ޒުވާން އަންހެނަކު ހިނިތުންވެ ބަލައިލާ ވިޑިއޯއަކާއި، ދަގަނޑު ބޯޅަތަކެއް އެކަތި އަނެކަތީގައި ޖެހި އެނބުރޭ ގޮތަށް ތައްޔާރުކޮށްފައިވާ [ނިއުޓަންސް ކްރޭޑްލް] އެއްގެ ހަރަކާތްތައް ދައްކުވައިދޭ ވިޑިއޯއެކެވެ. ޖުމްލަގޮތެއްގައި އެންމެންވެސް މޫނަށް ދިން ސަމާލުކަން އިތުރުވި ނަމަވެސް، ޖިންސީގޮތުން ބަލާއިރު ބޮޑު ތަފާތެއް ފާހަގަކުރެވުނެވެ.
އަންހެން ކުދިން އެމީހުންގެ ވަގުތުގެ 58.5 އިންސައްތަ މޫނަށް ސަމާލުކަން ދިންއިރު، ފިރިހެން ކުދިން ދިނީ 51.2 އިންސައްތައެވެ. އަދި އަންހެން ކުދިން މެކޭނިކަލް އެއްޗަށްވުރެ ބޮޑަށް މޫނަށް އިސްކަންދިން ނަމަވެސް، ފިރިހެން ކުދިންގެ ފަރާތުން ވަކި އެއްޗަކަށް ހާއްސަ ޝައުގުވެރިކަމެއް ފެނިފައެއް ނުވެއެވެ.
ދިރާސާގެ އިސްވެރިޔާ ޔުމްނާ ހާން އާއި ޕްރޮފެސަރ ސަރ ސައިމަން ބަރޮން-ކޯހެން ފާހަގަކުރެއްވި ގޮތުގައި، އުފަންވުމުގެ ކުރިން ބްރޭންގެ އުފެދުމުގައި ހުންނަ ތަފާތުތަކާއި ޖިންސީ ހޯމޯންތައް އަދި ޖީންސްގެ ސަބަބުން މިފަދަ ބަދަލުތައް އަތުވެދާނެއެވެ. ނަމަވެސް މިއީ ”ނޭޗަރ އާއި ނާޗަރ“ ނުވަތަ އުފަންވާއިރު ހުންނަ ސިފަތަކާއި ބޮޑުވަމުން އަންނަ މާހައުލު ގުޅިގެން އުފެދޭ ކަންކަންކަމަށް އެބޭފުޅުން ގަބޫލުކުރައްވައެވެ. މިއީ ކުއްޖާ ބޮޑުވެގެން އުޅޭނެގޮތް ނުވަތަ ވިސްނުން ހުންނާނެގޮތް ނިންމައިދޭ ކަމެއް ނޫންކަމަށާއި، ގްރޫޕް އެވްރެޖަށް ބަލާއިރު ތަފާތު ފެނުނު ނަމަވެސް ވަކިވަކި ކުދިންގެ މެދުގައި ބޮޑެތި އެއްގޮތްކަންކަންވެސް ހުރިކަން ރިސާރޗަރުން ފާހަގަކުރެއެވެ.
މި ދިރާސާގައި ބޭނުންކުރެވުނީ އެންމެ މޫނަކާއި އެންމެ މެކޭނިކަލް އެއްޗެއް ކަމަށްވުމުން، ކުދިންގެ ސަމާލުކަން ދިޔައީ ކުލައަށް، ހަރަކާތަށް ނުވަތަ ބައްޓަމަށް ކަން އިތުރަށް ކަށަވަރުކުރުމަށް އިތުރު ދިރާސާތައް ކުރަންޖެހެއެވެ.
ރިސާރޗް ޓީމުން މިހާރު ރާވަމުންދަނީ މި ކުދިން ބޮޑުވަމުން އަންނަވަރަކުން ސިކުނޑީގެ ކުރިއެރުމާއި، އޯޓިޒަމް ފަދަ ކަންކަމާ މި ސަމާލުކަމާ ހުރި ގުޅުން ދެނެގަތުމަށެވެ. މި ދިރާސާގެ ތަފްސީލު ”ބަޔޮލޮޖީ އޮފް ސެކްސް ޑިފަރެންސަސް“ ޖަރނަލްގައި ވަނީ ޝާއިއުކޮށްފައެވެ.









