ޔޫކްރެއިންގެ އިޤްތިޞާދީ މައި ނާރު ކަމަށްވާ ސިނާޢީ ސަރަޙައްދުތަކަށް ރަޝިޔާއިން ރޭގަނޑު ދިން ވަރުގަދަ ޙަމަލާތަކުގައި ޑްނީޕްރޯ ސިޓީއިން މަރުވި މީހުންގެ ޢަދަދު 4 އަށް އަރައިފިއެވެ. އަދި މި ޙަމަލާތަކުގައި އިތުރު 6 މީހަކަށް ވަނީ އަނިޔާވެފައެވެ.
ޔޫކްރެއިންގެ ވައިގެ ސިފައިން ހާމަކުރި ގޮތުގައި، މި ޙަމަލާގައި ރަޝިޔާއިން ވަނީ 212 ޑްރޯންގެ އިތުރުން ކްރޫޒް މިސައިލާއި، ބެލިސްޓިކް މިސައިލް އަދި އޮނިކްސް އެންޓި-ޝިޕް މިސައިލް ބޭނުންކޮށްފައެވެ.
ގަވަރނަރު އޮލެކްސަންދްރް ހަންޒާ ވިދާޅުވި ގޮތުގައި، ޑްނީޕްރޯ، ކްރީވީ ރީހް އަދި ޕަވްލޮހްރާޑްގައި ހުރި ކާރުޚާނާތަކާއި ގުދަންތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މި ސަރަޙައްދަކީ ޔޫކްރެއިންގެ މެޝިނަރީ އަދި ދަގަނޑު އުފެއްދުމުގެ މައި މަރުކަޒެވެ. ޑްނީޕްރޯއަށް ދިން ޙަމަލާގައި 4 މީހުން މަރުވެ 6 މީހަކަށް އަނިޔާވެފައިވާއިރު، ވިޔަފާރިކުރާ ތަންތަނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
މެދުތެރޭގައި އޮންނަ ޕޮލްޓާވާ ސަރަޙައްދަށްވެސް ރަޝިޔާއިން ވަނީ ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. ޔޫކްރެއިންގެ ހަކަތައާބެހޭ ކުންފުނި ނަފްޓޯގޭޒް އިން ބުނިގޮތުގައި 5 ބެލިސްޓިކް މިސައިލެއް ތެލާއި ގޭސް އުފައްދާ މަރުކަޒަކަށް އަރައި، އެތަން ވަނީ އަލުން ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ.
އުތުރުގައި އޮންނަ ޗެރްނިހީވް ސަރަޙައްދުގެ ކަރަންޓު ވިއުގައަށް ދިން ޙަމަލާއެއްގެ ސަބަބުން، އެ ސަރަޙައްދުގެ 100,000 އަށްވުރެ ގިނަ މީހުން ވަނީ ކަރަންޓާ ނުލައި ތިބެންޖެހިފައެވެ.












