މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.
މިކަމާ ގުޅިގެން އެމްޓީސީސީން ބުނެފައިވަނީ، ވެސްޓްޕާކް ސަރަހައްދުގައި މިހާރު ކުރިއަށްދަނީ ފެންހިންދާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ކަމަށެވެ. މިއީ މަގު އަލުން ތަރައްގީކޮށް ތާރު އެޅުމުގެ ކުރިން ބިމުގެ އަޑީގައި ގާއިމުކުރަންޖެހޭ ވިއުގައެކެވެ. ވެސްޓްޕާކް ސަރަހައްދަކީ ވިއްސާރަ މޫސުމުގައި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވެ، ހިނގާބިނގާވެ އުޅޭ ފަރާތްތަކަށާއި ދުއްވާ އެއްޗެއްސަށް ބޮޑެތި ދަތިތަކާ ކުރިމަތިވާ ސަރަހައްދެކެވެ. އެހެންކަމުން ފެން ހިންދާ ނިޒާމުގެ މަސައްކަތްތައް ނިމުމުން، މި މަގު ފުޅާކޮށް ޒަމާނީ ފެންވަރަށް ތަރައްގީކުރެވިގެންދާނެއެވެ.
މި މަސައްކަތްތަކާ ގުޅިގެން ވެސްޓްޕާކް ސަރަހައްދުގެ އެއް ލޭން މިހާރު ވަގުތީ ގޮތުން ބަންދުކޮށްފައިވާއިރު، އަނެއް ލޭން އާންމު ދަތުރުފަތުރަށް ވަނީ ހުޅުވާލައިފައެވެ. އެމްޓީސީސީން ހާމަކުރި ގޮތުގައި، މި މަޝްރޫއުގެ ސަބަބުން މާލޭގެ އެކި ސަރަހައްދުތައް ގުޅުވައިދިނުމަށް ފަސޭހަވެ، ޓްރެފިކް ތޮއްޖެހުން ކުޑަވެގެންދާނެއެވެ.
ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ ފުރަތަމަ ފިޔަވަހީގައި އެމްއެމްއޭއިން ފެށިގެން ނޯތު ހާބަރާ ދެމެދު މިހާރު ވަނީ ޒަމާނީ ފެންވަރަކަށް ތަރައްގީކޮށް ތާރުއަޅައި ނިންމާލައިފައެވެ. އަދި ދެވަނަ ފިޔަވަހީގެ ދަށުން ނަސަންދުރަ ސަރަހައްދުން ފެށިގެން ޢިއްޒުއްދީން ފާލަމާ ހަމައަށް ފަޅުން ބައެއް ހިއްކައިގެން މަގު ފުޅާކޮށް ޒަމާނީ ފެންވަރަށް ވަނީ ތަރައްގީކޮށްފައެވެ. މި ދެ ފިޔަވަހި ނިމި މިހާރު ވަނީ އާންމު ދަތުރުފަތުރަށް ހުޅުވާލައިފައެވެ.
މިހާރު ކުރިއަށްދާ ތިންވަނަ ފިޔަވަހީގެ ދަށުން މާލޭ ވިޔަފާރި ބަނދަރު ހިމެނޭ ހުޅަނގު ފަރާތުގެ މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދާދިފަހުން ”ދަ ޕަލްސް ޕޮޑްކާސްޓް“ ގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، އެމްޕީއެލް ސަރަހައްދުގެ މަގު ހެދުމުގެ މަސައްކަތް މި މަސް ނިމުމުގެ ކުރިން ފެށިގެންދާނެ ކަމަށެވެ. އެ ސަރަހައްދަކީ އަޑިގުދަންތައް އުފެދި ވަރަށް ބޮޑަށް ހަލާކުވެފައިވާ ސަރަޙައްދެކެވެ.
ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށްދާއިރު، ސަރުކާރުން މިހާރު އެންމެ ބޮޑަށް އަމާޒު ހިފާފައިވަނީ މާލޭގެ ތޮއްޖެހުން ކުޑަކުރުމަށް، އަންނަ 2027 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ގެ ކުރިން މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް އެއްކޮށް ނިންމުމަށްކަން ވެސް ފާހަގަކޮށްލަންޖެހެއެވެ.













