މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ކޮންގްރެސް، ޕާޓީގެ މެންބަރުންގެ އިތުރުން ޝައުގުވެރިވާ އާންމު ރައްޔިތުންނަށް ވެސް ބައިވެރިވެވޭ ގޮތަށް އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދަން އެ ޕާޓީން ނިންމައިފިއެވެ.
މާލޭ ސިޓީ ހޯލް ސަރަހައްދުގައި ޓެންޓެއް ޖަހައިގެން ބާއްވާ މި ކޮންގްރެސް ކުރިއަށްދާނީ ތިން ދުވަހުގެ މުއްދަތަށެވެ.
ކޮންގްރެސްގެ އެންމެ ފަހުގެ ތައްޔާރީތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޑެޕިއުޓީ ޗެއަރޕާސަން މުޙައްމަދު ޝިފާޒު ވިދާޅުވީ، ކޮންގްރެސްގައި ބައިވެރިވުމުގެ ހައްގު 986 މަންދޫބުންނަށް ލިބިފައިވާ ކަމަށެވެ. އަދި އޮންލައިންކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު މި މަހުގެ 20 ވަނަ ދުވަހު ހުޅުވާލިއިރު، ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައި ވެސް ޝަރުތު ހަމަވާ މަންދޫބުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން ރަޖިސްޓްރީވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ރަޖިސްޓްރީވުމުގެ ފުރުސަތު މި މަހުގެ 25 ވަނަ ދުވަހު ހަމަވާނެ ކަމަށް އެމްޑީޕީން ވަނީ މައުލޫމާތު ދީފައެވެ.
ޝިފާޒު ވިދާޅުވީ، މުއްދަތު ހަމަވުމުގެ ކުރިން ހުރިހާ މަންދޫބުން ރަޖިސްޓްރީވެ، މިއީ ފުރިހަމަ އަގުލަބިއްޔަތަކާއެކު ނިމިގެންދާނެ ކާމިޔާބު ކޮންގްރެސްއަކަށް މި ކޮންގްރެސް ވާނެ ކަމަށެވެ.
މި ކޮންގްރެސްއަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓްރީވުމާއި، މަންދޫބުންގެ ލިސްޓު ޗެކްކުރުމުގެ އިތުރުން ކޮންގްރެސްއާ ގުޅޭ އެހެނިހެން މައުލޫމާތުތައް ވެސް ލިބެން ހުންނާނެ ކަމަށް އެމްޑީޕީން މައުލޫމާތު ދެއެވެ. އަދި ރަޖިސްޓްރީވާ މަންދޫބުންނަށް ކޮންގްރެސް ކިޓު ހަވާލުކުރުން އޮންނާނީ މި މަހުގެ 29 އަދި 30 ވަނަ ދުވަހުއެވެ.
ކޮންގްރެސްގެ މުހިންމު ތާވަލު:
- 1 އޮކްޓޯބަރު (ބުރާސްފަތި ދުވަހުގެ ރޭގަނޑު): ކޮންގްރެސް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތު.
- 2 އޮކްޓޯބަރު (ހުކުރު ދުވަހުގެ މެންދުރުފަސް): ހާއްސަ އިންވެސްޓްމެންޓް ފޯރަމް އަދި މުހިންމު ސެޝަންތައް.
- 3 އޮކްޓޯބަރު (ހޮނިހިރު ދުވަހުގެ މެންދުރުފަސް): ރަސްމީ ކޮންގްރެސްގެ ޖަލްސާތައް ފެށުން.
- 3 އޮކްޓޯބަރު (ހޮނިހިރު ދުވަހުގެ ރޭގަނޑު): އަސާސީ ގަވައިދަށް ހުށަހަޅާ އިސްލާހުތަކާ މެދު ބަހުސްކޮށް ގޮތް ނިންމުމާއި ފާސްކުރުން.
”ރަށްވެހި އުފެއްދުން“ މި ޝިއާރުގެ ދަށުން ބާއްވާ މި ކޮންގްރެސްގެ މައިގަނޑު އެއް ބޭނުމަކީ، އެމްޑީޕީގެ މެޖޯރިޓީ އޮންނަ ރަށު ކައުންސިލްތަކުން ހިންގަން ބޭނުންވާ ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ އިންވެސްޓަރުން ހޯދައި، ޕާޓީގެ އެހީތެރިކަމާއެކު އެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށް އެމްޑީޕީން ވަނީ މައުލޫމާތު ދީފައެވެ. މީގެ އިތުރުން، ޕާޓީގެ އަސާސީ ގަވައިދަށް ގެނެވޭ އިސްލާހުތަކުގެ ތެރެއިން، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމެރީއާ ގުޅޭ މުހިންމު ނިންމުންތަކެއް ވެސް މި ކޮންގްރެސްގައި ނިންމާނެ ކަމަށް ބެލެވެއެވެ.
އެމްޑީޕީން ބުނީ، މިއީ ހުރިހާ ފަރާތްތަކަށް ހުޅުވާލައިގެން، ކަންކަން ހިނގާގޮތް ދެފުށް ފެންނަ ގޮތަށް ގާތުން ބެލުމުގެ ފުރުސަތު ލިބިގެންދާނެ، ޕާޓީގެ މެންބަރުން ފަހުރުވެރިވާ ފަދަ އިންތިޒާމުތަކަކާއެކު ކުރިއަށްދާނެ ކޮންގްރެސްއަކަށް ވެގެންދާނެ ކަމަށެވެ.













