މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ތަރައްޤީއަށް ކުރިމަތިވަމުންދާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށާއި، ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް އދ.ގެ އެއްބާރުލުން ބޭނުންވާކަން ބަޔާންކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ބައްދަލުކުރައްވައިފިއެވެ.
އެމެރިކާގެ ނިއުޔޯކުގައި ކުރިއަށްދާ އެކުވެރި ދައުލަތްތަކުގެ ޢާންމު މަޖިލީހުގެ 81 ވަނަ ސެޝަނުގެ ހަވާސާގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެމެހެއްޓެނިވި ތަރައްޤީއާއި ތިމާވެށީގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމާ މެދު މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވިދާޅުވީ މޫސުމީ ބަދަލުތަކަކީ ދިވެހީން ކޮންމެ ދުވަހަކުވެސް ތަޙައްމަލުކުރަންޖެހިފައިވާ ހަޤީޤަތެއް ކަމަށާއި، މީގެ ސަބަބުން ޤައުމުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. އަދި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތަކުގައި އދ. ގެ ސެކްރެޓަރީ ޖެނެރަލް އިސްނަންގަވައިގެން ކުރައްވަމުންދާ މަސައްކަތްޕުޅުތަކަށް އެމަނިކުފާނު ސާބަސް ދެއްވައި ޝުކުރު އަދާކުރެއްވިއެވެ.
އދ. ގެ ޢާންމު މަޖިލީހުގެ މިއަހަރުގެ ބައްދަލުވުމުގައި ރާއްޖެއިން ޚާއްޞަ އިސްކަމެއްދޭ މުހިންމު ދާއިރާތަކަށް އަލިއަޅުއްވާލައްވަމުން، ތިމާވެށީގެ ވިލުންތެރިކަން އިތުރުކުރުމާއި، ދަރަނީގެ ދެމެހެއްޓެނިވިކަން ޤާއިމުކުރުމުގެ އިތުރުން ސިޑްސްގެ އެންޓިގުއާ އެންޑް ބާބިއުޑާ އެޖެންޑާ (އޭބީއޭއެސް) ތަންފީޛުކުރުމުގެ މުހިންމުކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. މީގެއިތުރުން ކުދި ޖަޒީރާ ޤައުމުތަކުގެ މަޞްލަޙަތު ހިމާޔަތްކުރުމަށާއި، ބައިނަލްއަޤްވާމީ މަޝްރަޙުގައި އެފަދަ ޤައުމުތަކުގެ އަޑު އުފުލުމަށް އދ. އިޞްލާޙުކުރުމަކީ މަޖުބޫރު ކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
ރާއްޖެއިން ހުށަހެޅި ކަންކަމަށް އިޖާބަދެއްވަމުން އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒް ވަނީ ދިވެހިރާއްޖެއާއެކު އޮތް ބަދަހި އެއްބައިވަންތަކަން ހާމަކުރައްވައި، މޫސުމީ ބަދަލުތަކުގެ ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވާ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަން ޤަބޫލުކުރައްވާފައެވެ. އަދި ދުނިޔޭގެ ފެންވަރުގައި މޫސުމީ ހަރަކާތްތައް ވަރުގަދަކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ރާއްޖެއަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށާއި، މޫސުމީ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ބޭނުންވާ އެހީތެރިކަން އދ. އިން ފޯރުކޮށްދެމުންދާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ ފެންވަރުގައި ކަންބޮޑުވުން ހުރި މުހިންމު މައްސަލަތަކުގެ މައްޗަށްވެސް ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ފަލަސްޠީނުގެ މިހާރުގެ ނާޒުކު ޙާލަތާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައި، އެ މައްސަލައަށް އިންޞާފުވެރި ޙައްލެއް ހޯދުމުގެ މުހިންމުކަން ދެ ބޭފުޅުންވެސް ފާހަގަކުރެއްވިއެވެ.












