ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ ޚިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރުމަށް ސަރުކާރުން ނިންމެވި ނިންމެވުމާއެކު، ރަށްރަށުގައި ދެވޭ ޚިދުމަތުގެ ފެންވަރު މަތިވެ، ރައްޔިތުންނަށް ނުހަނު ބޮޑު ހިތްހަމަޖެހުމަކާއި ތަސައްއްލީއެއް ލިބިގެންދާނެ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު ވިދާޅުވެއްޖެއެވެ.
ޑރ. އަޒުވަރު މިހެން ވިދާޅުވީ، ސްޓެލްކޯއިން އަލަށް ޚިދުމަތް ދޭން ފެށި ބ. އަތޮޅާއި، ޅ. އަތޮޅާއި، މ. އަތޮޅުގެ އިތުރުން ކ. ހުރާގެ އިންޖީނުގެތަކާ ވަގުތީގޮތުން ހަވާލުވެވަޑައިގެން ތިއްބެވި އިސްވެރިންނާއި ސްޓޭޝަން މެނޭޖަރުންނަށް ޚާއްޞަކޮށްގެން ބޭއްވި ތަމްރީނު ޕްރޮގްރާމް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޤައުމީ ތަރައްޤީގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި ސްޓެލްކޯގެ މަތީ މިންގަނޑުތަކާ އެއްގޮތަށް ޔުޓީލިޓީ ޚިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރުމަކީ، ރައްޔިތުންގެ ޝުޢޫރުތައް އަޑުއައްސަވައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ވަރަށް ހަރުދަނާ ނިންމެވުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން އެމްޑީ ވިދާޅުވީ، މުޅި ރާއްޖެއަށް ޚިދުމަތް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރުވެސް ޚާއްޞަ ޓީމުތަކެއް އެކުލަވާލައިގެން ސަރވޭތައް ކުރިއަށްގެންދާ ކަމަށެވެ. އަދި މި ބަދަލާއެކު އޮޕަރޭޝަނަލް އެފިޝަންސީ މަތިވެ، އެކި ގޮތްގޮތުން ކުރެވޭ ޚަރަދުތައް ކުޑަކުރެވިގެން ދިއުމަކީ ޤައުމީ ފެންވަރުގައި ލިބޭނެ ބޮޑު ކާމިޔާބެއްކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން، ސްޓެލްކޯއަކީ 75 އަހަރުގެ ދިގު ތާރީޚެއް އޮތް، ރައްޔިތުންގެ ބޮޑު އިތުބާރެއް ހޯދާފައިވާ ކުންފުންޏެއްކަން ފާހަގަކުރައްވައި، މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތްތަކަށް އޭނާ ޝުކުރު އަދާކުރެއްވިއެވެ. އަދި އަލަށް ޚިދުމަތް ފެށި ރަށްރަށުގެ މެނޭޖަރުންވެސް ކުންފުނީގެ މިންގަނޑުތައް ހިފަހައްޓައި، ރައްޔިތުންނާ ގާތުން މަސައްކަތް ކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ.
މި މަހުގެ 20 އިން 22 އަށް ކުރިއަށްގެންދާ މި ތަމްރީނު ޕްރޮގްރާމަކީ އަލަށް އައްޔަންކުރެވުނު މެނޭޖަރުންނާއި އިސްވެރިން ސްޓެލްކޯގެ މިންގަނޑުތަކަށް އަހުލުވެރިކުރުވައި، ޒިންމާދާރުކަމާއެކު އިންޖީނުގެތައް ހިންގުމުގެ ޤާބިލުކަން އަށަގަންނުވުމަށް ބާއްވާ ތަމްރީނެކެވެ. މި ޕްރޮގްރާމްގެ ތެރެއިން އިދާރީ، ޓެކްނިކަލް، މާލީ އަދި ސަލާމަތީ ކަންކަމާ ގުޅޭ މުހިންމު އިރުޝާދުތައް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.














