މީސްމީޑިއާގައި އިއްޔެ އާންމުވި ވީޑިއޯއަކާ ގުޅިގެން ފުލުހުންނަށް އަމާޒުވި ފާޑުކިޔުންތަކަށް އެ އިދާރާއިން މިއަދު ރައްދުދީފިއެވެ.
ފުލުހުންގެ ވެހިކަލަކުން ސައިކަލުތަކެއް އުކާލާ މަންޒަރު ފެންނަ އެ ވީޑިއޯއާ ގުޅިގެން އާންމުން ކުރި ތުހުމަތުތައް ދޮގުކޮށް ފުލުހުން ބުނީ، އެއީ ރަނގަޅަށް ހުރި އުޅަނދުތަކެއް ނޫން ކަމަށާއި އެއީ ކުނީގެ ގޮތުގައި ނައްތާލުމަށް ތިލަފުއްޓަށް ގެންދިއުމަށް އެއްކުރަމުންދިޔަ އުޅަނދުތަކެއް ކަމަށެވެ.
އެ ވީޑިއޯ މީސްމީޑިއާގައި ހިއްސާކުރި ފަރާތުން ބުނެފައިވަނީ، ޕިކަޕަކަށް އަރުވައިގެން ގެންގޮސް އުކާލަމުންދިޔައީ ދުއްވޭ ހާލަތުގައި ހުރި ރަނގަޅު ސައިކަލުތަކެއް ކަމަށެވެ. އަދި ރައްޔިތުންގެ މުދަލަށް އިހާނެތިކޮށް ހިތައި ގެއްލުން ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެ، ގިނަ ބަޔަކު ވަނީ ފުލުހުންގެ އަމަލާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.
އާންމުންގެ މި ކަންބޮޑުވުންތަކާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި ފުލުހުން ވަނީ ކަން ހިނގައިދިޔަ ގޮތް ސާފުކޮށްދީފައެވެ. އެގޮތުން، އެ އުޅަނދުތަކަކީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަލަށް ހަމަޖެހުނު ޓޯޔާޑަށް ގެންގޮސް، ވެރިފަރާތާ ހަވާލުކުރުމަށް ދިން މުއްދަތު ހަމަވިއިރުވެސް ހަވާލުވެފައިނުވާ އުޅަނދުތަކެއްކަން ފުލުހުން ފާހަގަކުރިއެވެ. އަދި އެ ސައިކަލުތައް ނައްތާލަނީ ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ އެންމެހާ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، އެކަމަށް ރަސްމީކޮށް ހުއްދަ ލިބިގެންކަމަށްވެސް ފުލުހުންގެ ބަޔާނުގައި ވެއެވެ.













