ހަމުގެ އިންފެކްޝަނެއް ޖެހިފައިވާ ދުވަސްވަރެއްގައި ކުކުޅުބިސް ކެއުމުން އެ އިންފެކްޝަނެއް އިތުރަށް ގޯސްވެދާނެކަމަށް ބައެއް މީހުން ގަބޫލުކުރި ނަމަވެސް، މިއީ އާންމު ގޮތެއްގައި ހަގީގަތެއް ނޫން ކަމަށް ކަމާބެހޭ މާހިރުން ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ނިއު ދިއްލީގެ ސުވަސްތަމް ވެލްނެސް ސްކިންގެ ޑާމަޓޮލޮޖިސްޓް ޑރ. ނީރްހަރިކާ ގޯޔަލް ވިދާޅުވި ގޮތުގައި، ގިނަ ހާލަތްތަކުގައި ބިސް ކެއުމަކީ ހަމުގެ އިންފެކްޝަނެއް ގޯސްވާނެ ކަމެއް ނޫނެވެ.
ކުކުޅުބިހަކީ ގިނަ އަދަދަކަށް ޕްރޮޓީން، ވިޓަމިން އަދި މިނަރަލްސް އެކުލެވޭ ފައިދާހުރި ކާނާއަކަށްވުމުން، އެއީ ހަށިގަނޑު އަމިއްލައަށް ރަނގަޅުވުމަށް ކުރާ މަސައްކަތަށް އެހީތެރިވެދޭ އެއްޗެކެވެ. އެހެންކަމުން ހަމުގެ އިންފެކްޝަނެއް ހުންނަ މީހަކު ބިސް ކެއުމުން ހަށިގަނޑަށް ބޭނުންވާ މުހިންމު ނިއުޓްރިއެންޓްސް ލިބި، ސިއްހަތު ރަނގަޅުވުމަށް އެހީތެރިވެދެއެވެ.
ނަމަވެސް، ކުކުޅުބިހަށް އެލާޖިކްވާ މީހުން ނުވަތަ ބިހަށް ނުގުޅޭ މީހުންގެ ހަމަށް ބިސް ކެއުމުގެ ސަބަބުން ތަފާތު އަލާމާތްތައް ފެނުމަކީ އެކަށީގެންވާ ކަމެކެވެ. ޑރ. ނީރްހަރިކާ ފާހަގަކުރެއްވި ގޮތުގައި ބިހަށް އެލާޖިކްވާ މީހުން ބިސް ކެއުމުން ހަމުގައި ތަންތަން ފާރުވުން، ކަހައި ހެދުން، ހައިވްސް ނުވަތަ ބިހި ނެގުން، އަދި ހަންގަނޑު ދުޅަވުން ފަދަ އަލާމާތްތައް ފެނިދާނެއެވެ.
މިއީ ބެކްޓީރިއާ، ފަންގަސް ނުވަތަ ވައިރަސްގެ ސަބަބުން ޖެހޭ ހަމުގެ އިންފެކްޝަނާ މުޅިން ތަފާތު ކަމެކެވެ. އެލާޖިކް ރިއެކްޝަނެއް އުފެދެނީ ހަށިގަނޑުގެ ދިފާއީ ނިޒާމުން ވަކި މާއްދާއަކަށް އިޖާބަދޭ ގޮތަކުން ކަމަށްވާއިރު، އިންފެކްޝަން އުފެދެނީ ނުރައްކާތެރި ޖަރާސީމުތައް ހަމަށް ވާސިލުވެ އާލާވުމުންނެވެ. އެހެންކަމުން ބިސް ކެއުމަށްފަހު ހަމަށް ބަދަލެއް އައިނަމަވެސް، އެއީ އިންފެކްޝަން ގޯސްވުން ކަމުގައި ނުބެލެވިދާނެއެވެ.
ހަމުގެ އިންފެކްޝަންތައް ޖެހެނީ މައިގަނޑު ގޮތެއްގައި ތިން ބަޔަކަށް ގްރޫޕްކުރެވޭ ޖަރާސީމުތަކުގެ ސަބަބުންނެވެ. އެއީ ބެކްޓީރިއާ، ފަންގަސް އަދި ވައިރަސް އެވެ. ބެކްޓީރިއާގެ އިންފެކްޝަންތައް އާންމުކޮށް އުފެދެނީ ހަންގަނޑު ކެފުން، ފާރުވުން، ސޫފާސޫފި ކެއުން ނުވަތަ ހަންގަނޑަށް ލިބޭ ގެއްލުމެއްގެ ތެރެއިން ޖަރާސީމު އެތެރެއަށް ވަދެ ދުޅަވާން ފެށުމުންނެވެ. މިއީ އިންފްލެމޭޝަން ނުވަތަ ދުޅަވުން އުފައްދާ ކަމެކެވެ.
ފަންގަލް އިންފެކްޝަންތައް ގިނައިން އުފެދެނީ ހޫނުގަދަ އަދި ތެތްކަން ބޮޑު ސަރަހައްދުތަކުގައެވެ. މައިގަނޑު ގޮތެއްގައި ފައިތިލައިގައާއި، އުނަގަނޑު ކައިރީގައާއި، އަދި ހަންގަނޑުގެ އެކި ފަތްޖެހޭ ތަންތަނުގައެވެ. ވައިރަލް އިންފެކްޝަންތަކުގެ ސަބަބުން ހަމުގައި ބިހިނެގުމާއި ފާރުވުން ފަދަ ތަފާތު އަލާމާތްތައް ފެނިގެންދެއެވެ.
ހަމުގެ އިންފެކްޝަނެއް ޖެހުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ހަންގަނޑު ރަތްވުން، އިންފެކްޝަން ހުރި ސަރަހައްދު ހޫނުވުން، ދުޅަވުން، ތަދުވުން ނުވަތަ ރިއްސުން، ކަހައި ހެދުން، ދިޔަ ނުވަތަ ދޮސް އައުން، އަދި ހުންއައުން ހިމެނެއެވެ. ކޮންމެ އިންފެކްޝަނެއްގައި މި ބާވަތުގެ އަލާމާތްތައް ނުފެނުނު ކަމުގައި ވިޔަސް، ހަމުގެ ފެންނަން ހުރި ސިފައަށް ބަދަލުއައިސް، ތަދުވުމާއި ދުޅަވުން ނުވަތަ ދޮސްއައުން ފަދަ ކަމެއް ފާހަގަކުރެވިއްޖެނަމަ އެކަމަށް ސަމާލުވާންޖެހެއެވެ.
އެހެންކަމުން ހަމުގެ އިންފެކްޝަނެއް އުޅޭތީއޭ ކިޔާފައި ކާނާގެ ތެރެއިން ބިސް އުނިކުރަން ނުޖެހޭނެކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ. ބިހުން ލިބޭ ޕްރޮޓީނާއި ވިޓަމިނަކީ ހަށިގަނޑު ބަލިން ފަސޭހަވުމަށް އެހީތެރިވެދޭ މުހިންމު ބައިތަކެކެވެ. ނަމަވެސް، ބިސް ކެއުމަށްފަހު ގަވާއިދުން ހަމަށް ބަދަލުތަކެއް އައިސް އަލާމާތްތައް ފެންނަނަމަ، އަމިއްލައަށް ކާނާގެ ބައިތައް ހުއްޓާލުމުގެ ބަދަލުގައި ސިއްހީ މާހިރެއްގެ ލަފާ ހޯދުން މުހިންމެވެ.
ހަމުގެ އިންފެކްޝަނެއް އަވަސް މިންވަރަކަށް ފެތުރެމުންދާނަމަ، ނުވަތަ ބޮޑަށް ދުޅަވެ ދޮސް އުފެދެމުންދާނަމަ، އަދި ގަދައަށް ތަދުވެ ހުންއަންނަނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ޑރ. ގޯޔަލް އިރުޝާދު ދެއްވައެވެ. އަވަސް މުއްދަތެއްގައި ސިއްހީ އެހީތެރިކަން ހޯދުމަކީ އިންފެކްޝަންގެ އަސްލު ދެނެގަނެ، އެކަށީގެންވާ ފަރުވާ އަވަހަށް ފެށުމަށް އޮތް އެންމެ ރަނގަޅު މަގެވެ.










