ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެއް ހިންގަން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކުރީ އެތައް ދިރާސާތަކަކާއި މަޝްވަރާތަކެއް ކުރުމަށް ފަހު ކަމަށާއި، މީގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ގުދުރަތީ ރީތިކަމުގެ ބޭނުން ހިފައިގެން ދިވެހިންނަށް ހައްގުވާ އިގުތިސާދީ މަންފާ ހޯދައިދިނުން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
އަބޫދާބީގައި ބޭއްވި ރަސްމިއްޔާތެއްގައި އީގަލް ހިލްސްއާ އެކު ސޮއިކުރެވުނު މިއެއްބަސްވުމާ ގުޅޭގޮތުން އިޖުތިމާއީ މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ، މިއީ އަވަސްއަރުވާލައިގެން ކުރި ކަމެއް ނޫން ކަމަށާއި، އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ކަމާބޭހޭ މާހިރުންނާއި ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކު ދިގު މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ. އަދި މި މަޝްރޫއަކީ 2040 ވަނަ އަހަރާ ހަމައަށް ރާއްޖެއަކީ މަތީ އާމްދަނީ ލިބޭ ގައުމަކަށް ހެދުމަށް ސަރުކާރުން ގެންގުޅޭ ތަސައްވުރާ އެއްގޮތަށް ރޭވިފައިވާ ކަމެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
އީގަލް ހިލްސްގެ ފަރާތުން އެ ކުންފުނީގެ ވެރިޔާ މުހައްމަދު އަލްއައްބާރު ސޮއިކުރެއްވި މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ދުނިޔޭގެ ފެންވަރުގެ ވޯޓާފްރޮންޓް މެރީނާއަކާއި ރިއަލް އެސްޓޭޓް އިމާރާތްތަކުގެ އިތުރުން ހައުސިން ޔުނިޓްތައް ތަރައްގީކުރާނެއެވެ. މީގެ އިތުރުން، ދުނިޔޭގެ މަޝްހޫރު ބުރުޖް ޚަލީފާ ފަދަ ތަންތަން ބިނާކޮށްފައިވާ އީމާރު ކުންފުނިންވެސް މި މަޝްރޫއުގައި ބައިވެރިވާނެއެވެ.
މިނިސްޓަރު މުއްތަލިބު ހާމަކުރެއްވި ގޮތުގައި، ރަސްމާލޭގައި ހަދާ ހައުސިން ޔުނިޓްތައް އަޅާނީ އީގަލް ހިލްސްގެ އަމިއްލަ ހަރަދުގައެވެ. އަދި އެކަމަށް ސަރުކާރުން އެއްވެސް ހޭދައެއް ކުރަން ނުޖެހޭނެ ކަމަށާއި، ސަރުކާރުން ފައިސާ ދައްކަން ޖެހޭނީ ތަންތަން ހަވާލުކުރުމުން އެތަންތަނުން ލިބޭ އާމްދަނީން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ދުނިޔޭގެ 18 އަށްވުރެ ގިނަ ގައުމުގައި އިންވެސްޓްކޮށް، 45 ހޮޓަލުގެ ޕޯޓްފޯލިއޯއެއް އޮތް އީގަލް ހިލްސްއިން ރާއްޖޭގައި ކުރާ 20 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓަކީ ރާއްޖޭގެ މުޅި ޖީޑީޕީގެ ދެގުނައަށްވުރެ ބޮޑު އަދަދެކެވެ.













