ދައުލަތުގެ ދަރަނި އަދާކުރުމަށްޓަކައި ދައުލަތުގެ ހަރުމުދާ ވިއްކުމާއި އަމިއްލަ ފަރާތްތަކަށް ދިނުން (ޕްރައިވެޓައިޒް ކުރުން) އެއީ ރަނގަޅު ކަމެއް ކަމަށާއި، ނަމަވެސް ރަސްމާލޭގައި ވޯޓަރފްރަންޓެއް ތަރައްގީކޮށްގެން މިވަގުތު ކުރިމަތިވެފައިވާ މާލީ ދަތިކަމަށް އަވަސް ހައްލެއް ނުލިބޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މާލީ ހާލަތާ ގުޅޭގޮތުން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، ރަސްމާލޭގައި ވޯޓަރފްރަންޓެއް ތަރައްގީ ކުރުމަކީ ރަނގަޅު ޚިޔާލެއް ކަމަށެވެ. އެހެންނަމަވެސް އެއީ މިވަގުތު ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ދަތިކަމުން އަރައިގަތުމާ ކުޑަކޮށްވެސް ގުޅުންހުރި ކަމެއް ނޫން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެ މަޝްރޫއުގެ ހުރިހާ ކަމެއް އެންމެ ރަނގަޅަށް ދިޔަ ކަމުގައި ވީނަމަވެސް، އެ ތަނުން ދައުލަތަށް އެއްޗެއް ލިބެން އަދި މަދުވެގެން ދެ އަހަރު ދުވަސް ނަގާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
އެހެންކަމުން މިވަގުތު އެންމެ މުހިންމު ކަމަކީ ވަގުތުން ފައިސާ ލިބޭނެ ގޮތަކަށް ދައުލަތުގެ ހަރުމުދަލެއް ވިއްކުން ނުވަތަ ޕްރައިވެޓައިޒް ކުރުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގެ މާލީ ހާލަތު ގޯސްވެ، ދަރަނި އަދާކުރުމުގެ ދަތިތަކާ ކުރިމަތިލާންޖެހިފައިވާ މި ދަނޑިވަޅުގައި، ސަރުކާރުން އަންނަނީ ފުށިދިއްގަރުފަޅު (ރަސްމާލެ) ހިއްކައިގެން ތަފާތު ބޮޑެތި މަޝްރޫއުތައް ރާވަމުންނެވެ. ނަމަވެސް އިގްތިސާދީ މާހިރުން އަންނަނީ ކުރު މުއްދަތެއްގެ ތެރޭގައި ދައުލަތަށް ބޭނުންވާ ނަގުދު ފައިސާ ހޯދުމަށް އިސްކަންދިނުމަށް ގޮވާލަމުންނެވެ.
ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށާއި މާލީ އިސްލާހީ ފިޔަވަޅުތައް އަޅަމުންދާއިރު، ދައުލަތުގެ ބައެއް ކުންފުނިތަކާއި ހަރުމުދާ ޕްރައިވެޓައިޒް ކުރުމުގެ ވާހަކަތަކަކީ އިގްތިސާދީ ދާއިރާގައި ބޮޑެތި ބަހުސްތަކެއް ހިނގަމުންދާ މައުޟޫއެކެވެ.













