ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ނައިބު ރައީސް، ބޮޑުވަޒީރު އަދި ދުބާއީގެ ވެރިޔާ ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަކްތޫމްގެ އަޚް ޝައިޚް އަޙްމަދު ބިން ރާޝިދު އަލް މަކްތޫމް އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މީސްމީޑިއާގައި ކުރެއްވި މެސެޖެއްގައި، ޝައިޚް އަޙްމަދު ބިން ރާޝިދު އަލް މަކްތޫމް އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށް ވިދާޅުވެ، ޔޫއޭއީގެ ނައިބު ރައީސް ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަކްތޫމަށް އިޚްލާޞްތެރި ތަޢުޒިޔާ އަދާކުރައްވާފައިވެއެވެ.
އެމަނިކުފާނުގެ މެސެޖުގައި، މާތް ﷲ އަވަހާރަވި ޝައިޚް އަޙްމަދު ބިން ރާޝިދު އަލް މަކްތޫމަށް ހެޔޮ ރަޙްމަތް ލައްވައި، ފާފަ ފުއްސަވައި، އެމަނިކުފާނުގެ ފުރާނަފުޅަށް ދާއިމީ އާމާންކަން މިންވަރުކުރެއްވުމަށް އެދިވަޑައިގެންފައިވެއެވެ. އަދި ސުވަރުގޭގެ އެންމެ މަތިވެރި ނިޢުމަތްކަމުގައިވާ ޖަންނަތުލް ފިރްދައުސް މިންވަރުކުރެއްވުން އެދި ދުޢާކުރައްވާފައިވެއެވެ.
މީގެއިތުރުން، މި ހިތާމަވެރި ދަނޑިވަޅުގައި ޔޫއޭއީގެ ނައިބު ރައީސަށާއި، އެމަނިކުފާނުގެ ޢާއިލާއަށް އަދި ޔޫއޭއީގެ އެންމެހައި ރައްޔިތުންނަށް ކެތްތެރިކަމާއި، ސާބިތުކަމާއި ތަސައްލީ މިންވަރުކުރެއްވުން އެދި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ދުޢާކުރައްވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.
ދިވެހިރާއްޖެއާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްއާ ދެމެދު އޮންނަނީ ގާތް އަޚުވަންތަ ގުޅުމެއްކަން ފާހަގަކޮށްލެވޭއިރު، ޔޫއޭއީގެ ޝާހީ ޢާއިލާއަށާއި އެޤައުމަށް ދިމާވާ މިފަދަ ހިތާމަވެރި ކަންކަމުގައި ދިވެހިރާއްޖެއިން އަބަދުވެސް ބައިވެރިވެ، ތަޢުޒިޔާ ފޮނުވަމުންދެއެވެ.












