ނޯވޭގެ ބަރނެވަރނެޓް (ޗައިލްޑް ވެލްފެއަރ ސަރވިސް) ގެ ބެލުމުގެ ދަށަށް ގެންދިޔަ ޗެޗްނިޔާއަށް ނިސްބަތްވާ 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު (މަރްޔަމް) ކުއްލި ގޮތަކަށް މަރުވެއްޖެއެވެ. އޭނާ މަރުވެފައިވަނީ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔަތާ 5 ހަފްތާ ފަހުންނެވެ. އޭނާގެ ޢާއިލާއިން ބުނާގޮތުގައި، މުސްލިމަކަށް ވުމުން އޫރުމަސް ކެއުމަށް އިންކާރުކުރުމުގެ ސަބަބުން ދައުލަތުގެ މަރުކަޒުން ވަނީ އޭނާއަށް ކާން ނުދީ ބަނޑަށް ޖައްސާފައެވެ.
މަރްޔަމް ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔައީ އޮގަސްޓް 5 ގައެވެ. ފުލުހުން ވަނީ އޭނާގެ މައިންބަފައިން ހައްޔަރުކޮށް، އެމީހުންނަށް ކުދިންނާ ބައްދަލުކުރުމާއި މުވާސަލާތުކުރުން އެއްކޮށް މަނާކޮށްފައެވެ.
މަރްޔަމްގެ ޢާއިލާއިން ބުނާގޮތުގައި، ސެންޓަރުން އޭނާއަށް ކާންދިނީ އޫރުމަހެވެ. އޫރުމަސް ކެއުމަށް އިންކާރުކުރުމުން އޭނާއަށް އެހެން ކާއެއްޗެއް ދީފައެއް ނުވެއެވެ. މަރުވުމުގެ ކުޑައިރުކޮޅެއް ކުރިންވެސް އޭނާ ވަނީ ބޮޑުދައިތައަށް ގުޅައި، ބަނޑުހައިވެފައިވާކަމަށް ބުނެފައެވެ. ބޭރުން ކާއެއްޗެހި ގެނައުންވެސް ސެންޓަރުން އޮތީ މަނާކޮށްފައެވެ.
މަރްޔަމް މަރުވި ސަބަބު ދެނެގަތުމަށް ފުލުހުންނާއި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ތަޙުޤީޤުކުރަމުންނެވެ. އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ރިޕޯޓު ލިބުމުން މަރުވި އަސްލު ސަބަބު ހާމަކުރާނެކަމަށް ނޯވޭގެ ފުލުހުން ވަނީ ބުނެފައެވެ.
އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ފަރާތްތަކުން ބުނާގޮތުގައި މިއީ ނޯވޭ ސަރުކާރުގެ ތެރޭގައި މުސްލިމުންނާ ދެކޮޅަށް އޮތް ފުން ނަފުރަތާއި (އިސްލާމޯފޯބިއާ) ތަފާތުކުރުމުގެ ސާފު ހެއްކެކެވެ. އިންސާނީ ޙައްޤުތަކާއި ޑިމޮކްރަސީގެ ވާހަކަ ދައްކާ ޤައުމުތަކުން އަމަލުކުރާ މިފަދަ ގޮތްތަކަކީ އިސްލާމްދީނުގެ އުޞޫލުތަކާ މުޅިން ޚިލާފު ކަންކަމެވެ. އިސްލާމްދީނުގައި ބަންދުގައި ހުންނަ މީހާއަށް އޯގާތެރިވުމާއި ޢަދުލުވެރިވުމަށް އަމުރުކުރައްވާފައިވެއެވެ. ޙަދީޘްގައި އައިސްފައިވާ ފަދައިން، ބުޅަލެއް ބަންދުކޮށް، ކާންނުދީ މަރާލި އަންހެނަކު ވަނީ ނަރަކައަށް ވަދެފައެވެ. ޖަނަވާރަކަށް ކާންނުދިނުމުން ނަރަކަ ޙައްޤުވާއިރު، ދައުލަތެއްގެ ބެލުމުގެ ދަށުގައި ހުރި ކުޑަކުއްޖަކަށް ކާންނުދީ ބަނޑަށް ޖައްސައި މަރާލުމަކީ އިންސާނިއްޔަތާ ޚިލާފު ކިހާބޮޑު ޖަރީމާއެއްކަން މިކަމުން ސާފުވެއެވެ.













