ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނާ ގުޅިގެން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 1.2 ބިލިއަނަށް ވުރެ ގިނަ ރުފިޔާ މިހާތަނަށް ހޯދިފައިވާ ކަމަށް ހޯމް މިނިސްޓްރީން ހާމަކޮށްފިއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އެ ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަޙްމަދު އަސްޢަދު ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، ކޯޓާ ފީ އާއި އެކި ބާވަތުގެ ޖޫރިމަނާތަކުގެ ގޮތުގައި ދައުލަތަށް ނުލިބި 1.7 ބިލިއަނަށް ވުރެ ގިނަ ރުފިޔާ އޮތް ކަމަށެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެޅުއްވި ހަރުދަނާ ފިޔަވަޅުތަކާއެކު އޭގެ ބޮޑުބައެއް މިހާރު ހޯދިފައިވާ ކަމަށާއި، މި ފައިސާ ހޯދުމަށްޓަކައި ނިޒާމަށް މުހިންމު އިސްލާހީ ބަދަލުތަކެއް ގެނެވިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
އެގޮތުން، ގަވާއިދުން ފީ ނުދައްކާ ފަރާތްތަކަށާއި ޖޫރިމަނާ ފައިސާ ނުދައްކާ ހުންނަ ފަރާތްތަކަށް ’އެކްސްޕެޓް ސިސްޓަމް‘ މެދުވެރިކޮށް ހިދުމަތް ދިނުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލައިފައެވެ. މީގެއިތުރުން، ބޮޑެތި އަދަދުތަކުން ޖޫރިމަނާ އަރާފައިވާ ކުންފުނިތަކަށާއި ވަޒީފާ ދޭ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ މަގުސަދުގައި، އިންސްޓޯލްމަންޓް އުސޫލުން ބަހާލައިގެން ފައިސާ ދެއްކޭނެ އިންތިޒާމު ވެސް ސަރުކާރުން ވަނީ ހަމަޖައްސައިދީފައެވެ.
މި ބަދަލުތަކާއެކު ހިދުމަތްތައް ހަލުވިވެގެންދާނެ ގޮތާ ގުޅޭގޮތުން ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަޙްމަދު އިބްރާހީމް ދީދީ ވިދާޅުވީ، ގެނެވުނު އިސްލާހުތަކުގެ ސަބަބުން، ހިދުމަތަކަށް އެދޭތާ 24 ގަޑިއިރުގެ ތެރޭގައި އެ ހިދުމަތެއް ފޯރުކޮށްދެވިގެންދާނެ ކަމަށެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށާއި، ދައުލަތަށް ލިބެންޖެހޭ ފައިސާ ގަވާއިދުން ހޯދުމަށްޓަކައި ކަމާބެހޭ އިދާރާތައް ގުޅިގެން، ހަރުދަނާ އަދި ހާއްސަ ފިޔަވަޅުތަކަކާއެކު އަންނަނީ މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންނެވެ.












