ރާއްޖޭގެ ތާރީޚުގައި ވެސް މިހާތަނަށް ހިންގަން ނިންމި އެންމެ ބޮޑު އެއް ބޭރުގެ އިންވެސްޓްމަންޓް މަޝްރޫއުގެ ގޮތުގައި، ރަސްމާލޭގައި 20 ބިލިއަން ޑޮލަރު (ގާތްގަނޑަކަށް 308 ބިލިއަން ރުފިޔާ) ޚަރަދުކޮށްގެން ބޮޑު ވޯޓާފްރަންޓާއި މެރީނާއެއް ތަރައްގީ ކުރުމުގެ އެއްބަސްވުމެއްގައި ދިވެހި ސަރުކާރާއި ޔޫއޭއީގެ އީގަލް ހިލްސްއާ ދެމެދު ސޮއިކޮށްފިއެވެ.
ޔޫއޭއީގެ ”ދަ ނެޝަނަލް ނިއުސް“ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ދިވެހި ސަރުކާރުގެ އިސްވެރިންނާއި މި މަޝްރޫއު ހިންގާ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި މި ޚާއްސަ ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ދުބާއީގައެވެ.
މި އެއްބަސްވުމުގައި އީގަލް ހިލްސްގެ ފައުންޑަރު އަދި ޗެއާމަން މުޙައްމަދު އަލާއްބާރު ބައިވެރިވެވަޑައިގެންނެވި އިރު، އޭނާއަކީ ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށްވާ ބުރުޖު ޚަލީފާ އާއި ދުބާއީ މޯލް ފަދަ ބޮޑެތި ބައިނަލްއަގުވާމީ މަޝްރޫއުތައް ތަރައްގީކުރި މަޝްހޫރު އެމާރު ޕްރޮޕަޓީސްގެ ވެސް ބާނީކަން ފާހަގަކޮށްލެވެއެވެ.
މިފަދަ ބިޔަ މަޝްރޫއުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ އަދި ސަރަހައްދީ ތަރައްގީއަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.













