ތިން އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު ފޯރިއާއެކު ކުރިއަށްދިޔަ 50 ވަނަ ޤައުމީ ބެޑްމިންޓަން މުބާރާތް އާދިއްތަ ދުވަހުގެރޭ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ކުޅިވަރު އެކުވެނީގައި ކުރިއަށްދިޔަ މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ވަނަވަނައަށް ދިޔަ ކުޅުންތެރިންނަށާއި ޓީމުތަކަށް މެޑައްޔާއި ޓްރޮފީ ހަވާލުކޮށްދެއްވީ ޒުވާނުން ބާރުވެރިކުރުވުމާ، ކުޅިވަރާ އަދި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އިބްރާހީމް ފާއިދެވެ.
މި ފަހަރުގެ މުބާރާތުގެ ސިންގަލްސް ބައިގެ ޗެމްޕިއަންކަން ހޯދާފައިވަނީ މުޅިން އަލަށް ޤައުމީ މުބާރާތުގެ ފައިނަލުގައި ކުޅުނު ހައިޝަމް އިބްރާހީމް ޢަލީގެ އިތުރުން ފާތިމަތު ނަބާހާ ޢަބްދުއްރައްޒާޤެވެ. އަންހެން ސިންގަލްސް އިވެންޓުގެ ޗެމްޕިއަންކަން ނަބާހާ ހޯދީ އެންމެ ފަހުގެ ޗެމްޕިއަން އާމިނަތު ނަބީހާ ޢަބްދުއްރައްޒާޤާ ވާދަކޮށް، ސީދާ ދެ ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.
ޑަބަލްސް އިވެންޓުތަކަށް ބަލާއިރު، ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ ހައިޝަމް އިބްރާހީމް ޢަލީ އާއި މުޙައްމަދު ޚަލަފް އިމްރާންގެ ޕެއާގެ މައްޗަށް ކުރި ހޯދި ޒަޔާން ޒަކީ އާއި ނިބާލް އަހްމަދުގެ ޕެއާއެވެ. އަދި އަންހެން ޑަބަލްސް ބައިގެ ޗެމްޕިއަންކަން ނަބާހާ އާއި ނަބީހާގެ ޕެއާ ހޯދީ ފައިނަލުގައި މައިސާ ފަތުޙުﷲ އާއި ޢާއިޝަތު އަފްނާން ރަޝީދުގެ ޕެއާ ބަލިކުރުމަށްފަހުގައެވެ.
މުބާރާތުގެ ދެވަނަ ޑިވިޝަނުގެ އަންހެން ޓީމު އިވެންޓުގެ ޗެމްޕިއަންކަން ޓޫޒީ ސްޕޯޓްސް ކުލަބުގެ މައްޗަށް ސީދާ ތިން ސެޓުން ކުރިހޯދައިގެން އެމް ސްޕޯޓްސް ކުލަބުން ހޯދިއިރު، ފިރިހެން ބައިގެ ޗެމްޕިއަންކަން ރައިޒިން ސްޓާއިން ހޯދީ ސީއެސް ސްޕޯޓްސް ކުލަބާ ވާދަކޮށް 3-2 އިން މެޗު ކާމިޔާބުކޮށްގެންނެވެ.
މީގެއިތުރުން، ފުރަތަމަ ޑިވިޝަނުގެ ޓީމު އިވެންޓުތަކުގެ ދެ ޗެމްޕިއަންކަންވެސް ހޯދާފައިވަނީ ރިވައިވަލް ސްޕޯޓްސް ކްލަބުންނެވެ. އެގޮތުން ފިރިހެން ޑިވިޝަނުގެ ފައިނަލުގައި ޕޮލިސް ކުލަބުގެ މައްޗަށް 3-1 އިން ރިވައިވަލް ކުރިހޯދިއިރު، އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން އެ ޓީމުން ހޯދީ ފައިނަލުގައި ސީއެސްގެ މައްޗަށް ސީދާ ތިން ސެޓުން ކުރިހޯދައިގެންނެވެ.









