ދިވެހިރާއްޖޭގައި ކުރާ ހުއިފިލަނޑާ މަސްވެރިކަމުގައި ނަގާ ބާވަތެއް ކަމަށްވާ ”ކައްޗަލަ“ އެކްސްޕޯޓްކުރެވޭނެ މިންވަރާއި ހަމަތައް ކަނޑައަޅައި، 7 ފަރާތަކަށް ކޯޓާ ދޫކޮށްފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މި ކޯޓާ ދޫކޮށްފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ.
ކައްޗަލަ (Amberfish, Thelenota anax) އަކީ އޭގެ އާބާދީ ދަށްވަމުންދާކަމުގެ ހެކިތަކުގެ މައްޗަށް ބިނާކޮށް، 2022 ވަނަ އަހަރު ބޭއްވުނު ’ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ޓްރޭޑް އިން އެންޑޭންޖަރޑް ސްޕީޝިޒް އޮފް ވައިލްޑް ފޯނާ އެންޑް ފްލޮރާ‘ (ސައިޓީސް) ބައްދަލުވުމުގައި އެ މުއާހަދާގެ ޖަދުވަލު 2 ގައި ހިމަނާފައިވާ ބާވަތެކެވެ.
ސައިޓީސް މުއާހަދާގެ ޖަދުވަލު 2 ގައި ހިމެނޭ ބާވަތްތައް އެކްސްޕޯޓްކުރެވެނީ އެ ގައުމެއްގެ ސައިޓީސް މެނޭޖްމަންޓް އޮތޯރިޓީން ދޫކުރާ ހާއްސަ ހުއްދައަކާ އެކުގައެވެ. އަދި މިފަދަ ހުއްދައެއް ދެވެނީ ސައިންޓިފިކް އޮތޯރިޓީން ތައްޔާރުކުރާ ”ނޮން-ޑެޓްރިމަންޓަލް ފައިންޑިންގ“ (އެންޑީއެފް) ރިޕޯޓަކުން، އެ ބާވަތް މާހައުލުން ނަގައި އެކްސްޕޯޓްކުރުމަކީ އޭގެ އާބާދީއަށް ގެއްލުން ނުވާނެ އަދި ދެމެހެއްޓެނިވި ކަމެއްކަން ކަށަވަރުވުމުންނެވެ.
މިގޮތުން، ރާއްޖޭގެ ސައިންޓިފިކް އޮތޯރިޓީ ކަމުގައިވާ މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް (އެމް.އެމް.އާރް.އައި) އިން ވަނީ ކައްޗަލައިގެ އެންޑީއެފް ތައްޔާރުކޮށް، ސައިޓީސް މެނޭޖްމަންޓް އޮތޯރިޓީގެ ގޮތުގައި މަސައްކަތްކުރާ މަސްވެރިކަމާ ބެހޭ ވުޒާރާއާ ހިއްސާކޮށްފައެވެ. އެ ރިޕޯޓަށް ބިނާކޮށް، ކުރިއަށް އޮތް 12 މަސްދުވަހަށް ކަނޑައަޅާފައިވަނީ ހިއްކާފައިވާ ކައްޗަލައިގެ 10.95 ޓަނުގެ ކޯޓާއެކެވެ.
މި ކޯޓާގެ ދަށުން އެކްސްޕޯޓްކުރުމަށް ޕްރޮސެސިންގ ލައިސަންސް ނެގުމުގެ ފުރުސަތު ”ކެޔޮޅު“ ޕޯޓަލް މެދުވެރިކޮށް މިދިޔަ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލުމަށްފަހު، ޝަރުތު ހަމަވި 7 ފަރާތަކަށް ވަނީ ކޯޓާ ދޫކޮށްފައެވެ.
ކޯޓާ ދޫކޮށްފައިވާ 7 ކުންފުންޏަކީ:
- އޯޝަން ޓައިޑްސް އިންޓަރނޭޝަނަލް
- އެސްއެމް އިންވެސްޓްމަންޓް
- މަލަކް އިންވެސްޓްމަންޓް
- ވިލިނގިލި ފިޝް ވިލެޖް
- ސްކައި ގޯ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް
- ފޭމްސް ގްރޫޕް އޮފް އިންޑަސްޓްރީ ޕްރައިވެޓް ލިމިޓެޑް
- ޓްރޭޑް ބްރިޖް ޕްރައިވެޓް އިންވެސްޓުމަންޓު
މަސްވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، 19 ސެޕްޓެންބަރު 2027 ގެ ނިޔަލަށް ދިވެހިރާއްޖެއިން ކައްޗަލަ އެކްސްޕޯޓް ކުރުމަށް ދޫކުރާ ސައިޓީސް ޕާމިޓްތައް ދޫކުރާނީ އެކުލަވާލާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އެންޑީއެފްއިން ކަނޑައަޅާފައިވާ 10.95 ޓަނާ ހަމައަށެވެ.









