މިއަހަރުގެ މިހާތަނަށް ދިވެހިރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 1.1 މިލިއަނަށްވުރެ ގިނަ މީހުން ރިސޯޓުތަކުގައި ޗުއްޓީ ހޭދަކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއީ މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ޖުމުލަ ފަތުރުވެރިންގެ 72 އިންސައްތައެވެ.
އެ މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމުލަ 1.5 މިލިއަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މީގެ ތެރެއިން 1,112,766 ފަތުރުވެރިން ރިސޯޓުތައް ހިޔާރުކޮށްފައިވާއިރު، ދެވަނައަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ މީހުން ދިރިއުޅޭ ރަށްރަށުގެ ގެސްޓްހައުސްތަކުގައެވެ. އެގޮތުން 334,016 ފަތުރުވެރިން ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކޮށްފައިވެއެވެ. މިއީ ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ 22.1 އިންސައްތައެވެ. މީގެއިތުރުން، ހޮޓާތަކުގައި 34,845 ފަތުރުވެރިން އަދި ސަފާރީ އުޅަނދުފަހަރުގައި 28,596 ފަތުރުވެރިން ވަނީ ޗުއްޓީ ހޭދަކޮށްފައެވެ.
ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި މައިގަނޑު މާކެޓުތަކަށް ބަލާއިރު:
- ޗައިނާ: 284,555 ފަތުރުވެރިން
- ރަޝިޔާ: 222,055 ފަތުރުވެރިން
- އިނގިރޭސިވިލާތް: 116,658 ފަތުރުވެރިން
- އިޓަލީވިލާތް: 96,010 ފަތުރުވެރިން
- ޖަރުމަނުވިލާތް: 94,494 ފަތުރުވެރިން
ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށްޓަކައި މިވަގުތު ރާއްޖޭގައި 1,277 ފެސިލިޓީއެއް ހިންގަމުން އަންނައިރު، މި ތަންތަނުގެ ޖުމުލަ އެނދުގެ އަދަދު ވަނީ 67,828 އަށް އަރައިފައެވެ. ރިސޯޓުތަކުގެ އިތުރުން ރަށްރަށުގެ ގެސްޓްހައުސްތަކަށް ވެސް ފަތުރުވެރިންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަކަން ފާހަގަކުރެވެއެވެ. ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ފާހަގަކޮށްލެވޭ ބޮޑު ނިސްބަތެއް ލޯކަލް ޓޫރިޒަމް ހިޔާރުކުރުމަކީ، ރަށްރަށުގެ އިގްތިސާދީ ދުވެލި ހަލުވިވެ، ރައްޔިތުންނަށް ސީދާ ގޮތެއްގައި ލިބޭ މާލީ މަންފާ އިތުރުވެގެންދާ މުހިންމު ސަބަބެކެވެ.













