އިޓަލީގެ ސްކޫލުތަކުގައި މޫނުބުރުގާ އެޅުން މަނާކުރުމަށާއި، ކޮންމެ ކްލާހެއްގައިވެސް ބިދޭސީބު ދަރިވަރުން ތިބޭނެ އެންމެ ގިނަ ޢަދަދު ޤާނޫނީ ގޮތުން ކަނޑައެޅުމަށް އިޓަލީގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީ އިޢުލާނުކޮށްފިއެވެ.
އާދީއްތަ ދުވަހު ރޯމްގައި ބޭއްވި އެކަމަނާގެ ޕާޓީގެ ޒުވާނުންގެ ބައްދަލުވުމެއްގައި ވާހަކަދައްކަމުން މެލޯނީ ވިދާޅުވީ، އިޓަލީގެ ކްލާސްރޫމްތަކުގައި އިޓަލީ ކުދިންނަކީ މައިނޯރިޓީއަކަށް (މަދު ބަޔަކަށް) ވެގެންދާ ތަން ބަލަން ނުތިބެވޭނެ ކަމަށެވެ.
މިއަންނަ އައު ޤާނޫނުގެ ދަށުން ސްކޫލުތަކުގައި މޫނު ނިވާކުރާ ގޮތަށް ހެދުން އެޅުން (ބުރުގާއާއި ނިޤާބް) އެއްކޮށް މަނާކުރެވޭނެއެވެ. މެލޯނީ ބުނީ، ސަގާފަތެއްގެ ނަމުގައި އަންހެން ކުދިން މޫނު ފޮރުވައިގެން ތިބުމަކީ އިޓަލީގައި ހުއްދަކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ބިދޭސީ ކުދިން އެއް ކްލާހެއްގައި ގިނަވެއްޖެނަމަ އެކުދިންނަށް އިޓަލީ ބަހާއި ސަގާފަތް ދަސްނުވާނެތީ، ކޮންމެ ކްލާހެއްގައިވެސް ބިދޭސީ ކުދިން ތިބެވޭނެ ވަކި ލިމިޓެއް ކަނޑައަޅާނެއެވެ. ސްކޫލުގެ މާޙައުލަށް ހޭނެން ދަތިވާ ބިދޭސީ ކުދިންގެ ބެލެނިވެރިންނަށް، އިޓަލީ ބަހާއި ސަގާފަތް ދަސްކުރުމުގެ ކްލާސްތަކުގައި ބައިވެރިވުން ޤާނޫނީ ގޮތުން މަޖުބޫރުކުރާނެއެވެ.
މި މައްސަލަ ވަރަށް އަވަހަށް އިޓަލީގެ ކެބިނެޓަށް ހުށަހެޅޭނެއެވެ. އަދި ސަރުކާރުން މިކަން ފާސްކުރުމަށްފަހު، 60 ދުވަހުގެ ތެރޭގައި ޤާނޫނުހަދާ މަޖިލީހުން ފާސްކޮށް ޤާނޫނަކަށް ބަދަލުކުރެވޭނެއެވެ.













