ޔަމަނުގެ ހޫޘީން ހޮނިހިރު ދުވަހުގެ ފަތިހު ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟަށް އަމާޒުކޮށް ފޮނުވާލި ބެލިސްޓިކް މިސައިލެއް، ސަޢޫދީގެ ވައިގެ ދިފާޢީ ނިޒާމުން ވައްޓާލާފައިވާކަމަށް ސަޢޫދީ އިސްވެ އޮންނަ ކޯލިޝަނުން ރަސްމީކޮށް އިޢުލާނުކޮށްފިއެވެ.
ކޯލިޝަންގެ ތަރުޖަމާނު މޭޖަރ ޖެނެރަލް ތުރުކީ އަލް-މާލިކީ މިކަން ހާމަކުރީ، ރޭގަނޑު ދަންވަރު 3 ޖެހިއިރު ރިޔާޟްގެ ރައްޔިތުންނަށް ކުއްލި ނުރައްކަލުގެ އެލާޓްތަކެއް ނެރެ ބިރުވެރިކަން އުފެދިފައިވަނިކޮށެވެ. މިއާއެކު ހޫޘީންނާއި ސަޢޫދީއިން ދައްކަމުންދާ ވާހަކަތަކުގައި ބޮޑެތި ފުށުއެރުންތަކެއް ހުރިކަން ވަނީ ހާމަވެފައެވެ.
މޭޖަރ ޖެނެރަލް އަލް-މާލިކީ ބުނި ގޮތުގައި، ރިޔާޟަށް އަމާޒުކޮށް ފޮނުވާލި މިސައިލް ވަނީ އަމާޒަށް ވާސިލުވުމުގެ ކުރިން ނައްތާލެވިފައެވެ. މީގެ އިތުރުން ބީޝާ، ޠާއިފް، ފަރަސާން އަދި ޔަންބޫއަށް އަމާޒުކޮށް ހޫޘީން ފޮނުވާލި ޑްރޯންތަކާއި މިސައިލްތައްވެސް ވަނީ ވައްޓާލާފައެވެ.
8 މިލިއަނަށްވުރެ ގިނަ މީހުން ދިރިއުޅޭ ސިޓީއަކަށް ގަސްތުގައި ޙަމަލާދިނުން ކޯލިޝަނުން ވަނީ ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ. އަދި ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ތެރެއިން ހަރުކަށި އަސްކަރީ ފިޔަވަޅުތަކެއް އަޅާނެކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ.
ހޫޘީންގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީ ބުނެފައިވަނީ، ރިޔާޟްގެ މުހިންމު ތަންތަނަށާއި ޔަންބޫގެ އަރާމްކޯ ކާރުޚާނާއަށް އެމީހުން ދިން ޙަމަލާތައް ’ކާމިޔާބު‘ ކަމަށެވެ.
ރިޔާޟްގެ ކިންގު ޚާލިދު އެއަރޕޯޓް ކައިރީގައިވާ ތެޔޮ ގުދަނެއްގައި އަލިފާން ރޯވިކަމަށް ކުރިން ރިޕޯޓުކުރެވުނު ނަމަވެސް، ކޯލިޝަންގެ ބަޔާނުން ދޭހަވަނީ އެތަނުގައި އަލިފާން ރޯވެފައިވަނީ ސީދާ ޙަމަލާއެއް އަރައިގެން ނޫން ކަމަށާއި، އެއީ މިސައިލް ވައްޓާލުމުން ފޭބި ބައިތަކުގެ ސަބަބުން ހިނގި ކަމެއް ކަމަށެވެ.
މި ޙަމަލާތަކާ ގުޅިގެން އީރާނުގެ އޮފިޝަލް މުޙްސިން ރިޟާއީ ވަނީ، ޔަމަނާއި ސަޢޫދީއާ ދެމެދު ސުލްޙަ ޤާއިމުކުރުމަށް އެހީތެރިވުމަށް އީރާން އޮތީ ތައްޔާރަށް ކަމަށް އަލްޖަޒީރާއަށް މަޢުލޫމާތުދީފައެވެ. މިއީ އެއްކޮޅުން ހޫޘީންނަށް ހަތިޔާރުދީ ހަނގުރާމަ ފުޅާކުރުމަށްފަހު، އަނެއްކޮޅުން ސުލްޙަވެރިއެއްގެ ގޮތުގައި ފެނިގެން ސަޢޫދީގެ މައްޗަށް ސިޔާސީ ނުފޫޒު ފޯރުވުމަށް އީރާނުން ކުޅެމުންދާ ކުޅިގަނޑެއްކަމަށް މާހިރުން ލަފާކުރެއެވެ.











