ނޭޕާލްގެ ކޮންސްޓިޓިއުޝަން ދުވަހުގެ މުނާސަބަތުގައި، ނޭޕާލްގެ ރައީސް ރާމްޗަންދްރަ ޕޯޑެލް އަދި ބޮޑުވަޒީރު ބަލެންދްރަ ޝާހަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާއާ ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.
މިދެބޭފުޅުންނަށް ހޮނިހިރު ދުވަހު ރައީސް މުޢިއްޒު ވަކިވަކިން ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުތަކުގައި، ރާއްޖެއާއި ނޭޕާލާއި ދެމެދުގައި އޮތް ގުޅުމަކީ ދެ ގައުމުގެ މެދުގައި އޮންނަ އިހްތިރާމާއި، ރައްޔިތުންގެ މެދުގައި އޮތް ދެމެހެއްޓެނިވި ގުޅުމެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ފާހަގަކުރައްވައި، މިގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަގީންކަން އެބައޮތްކަމުގައި ވެސް ވިދާޅުވެފައިވެއެވެ.
މީގެއިތުރުން ދެ ގައުމުގެ މެދުގައި އެކި ދާއިރާތަކުން ގާއިމްވެފައިވާ ދޭދޭ ގުޅުންތައް އިތުރަށް ފުޅާކުރުމަށާއި ދެ ގައުމާއި ރައްޔިތުންނާއި ދެ ގައުމުގެ ތަރައްގީއާއި ފައިދާއަށް ދެ ފަރާތުގެ މަސްލަހަތު ހުރި ދާއިރާތަކުންނާއި ސަރަހައްދީ އަދި ބައިނަލްއަގުވާމީ މަންސަތަކުގެ ތެރެއިން މި ގުޅުން ހަރުދަނާކުރުމުގެ އުންމީދު އެމަނިކުފާނުގެ ސިޓީފުޅުތަކުގައި އާކުރަައްވާފައިވެއެވެ.
ރައީސްގެ ސިޓީފުޅުތައް ނިންމަވާލައްވާފައި ވަނީ ނޭޕާލްގެ ރައީސަށާއި ބޮޑުވަޒީރަށް ފުރިހަމަ ސިއްހަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގެން، އެ ގައުމަށާއި އެ ގައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވަމުންނެވެ.
ނޭޕާލްގެ ކޮންސްޓިޓިއުޝަން ދުވަހަކީ 20 ސެޕްޓެންބަރު 2015 ގައި އެ ގައުމުގެ އާ ގާނޫނުއަސާސީ ތަންފީޒުކުރަން ފެށި ދުވަހާ ގުޅުވައިގެން ފާހަގަކުރާ ދުވަހެވެ.












