މިއަހަރުގެ ފުރަތަމަ އަށް މަސްދުވަހުގެ ތެރޭގައި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 499 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެފަހުގެ ”ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް“ ރިޕޯޓުގައިވާ ގޮތުން، މިއަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށް ދައުލަތަށް ލިބުނު ހިލޭ އެހީއަކީ، މުޅި އަހަރަށް ލިބޭނެ ކަމަށް ލަފާކޮށް ބަޖެޓުކުރި އަދަދަށްވުރެ ބޮޑުތަނުން އިތުރު އަދަދެކެވެ. މިއަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވަނީ 373 މިލިއަން ރުފިޔާއެވެ. މީގެއިތުރުން، މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 252.4 މިލިއަން ރުފިޔާއާ އަޅައިބަލާއިރު ވެސް ފާހަގަކޮށްލެވޭ ފަދަ ބޮޑު ކުރިއެރުމެކެވެ.ތަފާސްހިސާބުތައް
، މި އަހަރުގެ ފުރަތަމަ އަށް މަސްދުވަހު އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 28.7 ބިލިއަން ރުފިޔާ ދައުލަތަށް ވަނީ ލިބިފައެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު %6.2 ގެ ކުރިއެރުމެކެވެ. އާމްދަނީއަށް ލިބުނު 1.69 ބިލިއަން ރުފިޔާގެ މި ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ. އެގޮތުން ޓެކްސް އާމްދަނީ ވަނީ %8.5 އިތުރުވެ، 20.61 ބިލިއަން ރުފިޔާއިން 22.35 ބިލިއަން ރުފިޔާއަށް އުފުލިފައެވެ.
އާމްދަނީ އިތުރުވި ނަމަވެސް، މި މުއްދަތުގެ ތެރޭގައި ދައުލަތުގެ ހަރަދުތައް ވެސް ވަނީ އެއްވަރަކަށް މައްޗަށް ގޮސްފައެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ އަށް މަސްދުވަހު ދައުލަތުން 30.86 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހަރަދުވި 26.38 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު %17 ގެ އިތުރުވުމެކެވެ.
ހަރަދުތަކުގެ ތަފްސީލަށް ބަލާއިރު:
- ރިކަރަންޓް ހަރަދު: %18.6 އިތުރުވެ، 22.75 ބިލިއަން ރުފިޔާއިން 26.98 ބިލިއަން ރުފިޔާއަށް ވަނީ އަރައިފައެވެ.
- ކެޕިޓަލް ހަރަދު: %6.9 އިތުރުވެ، 3.63 ބިލިއަން ރުފިޔާއިން 3.88 ބިލިއަން ރުފިޔާއަށް ވަނީ އުފުލިފައެވެ.
ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުގައި، ދަރަންޏާއި އިންޓްރެސްޓް ފައިސާ ނުހިމަނައި، ދައުލަތުގެ ޕްރައިމަރީ ސާޕްލަސްގެ ގޮތުގައި މިހާރު ހުރީ 1.27 ބިލިއަން ރުފިޔާއެވެ. މިއީ ވޭތުވެދިޔަ އަހަރު ރެކޯޑުކުރެވުނު 4.04 ބިލިއަން ރުފިޔާގެ ޕްރައިމަރީ ސާޕްލަސްއާ އަޅައިބަލާއިރު %68.6 ގެ ދަށްވުމެކެވެ. އަދި ދަރަންޏާއި އިންޓްރެސްޓް ހިމެނޭހެން ޖުމްލަ ބަޖެޓުގެ ޑެފިސިޓް މިހާރު ވަނީ 2.13 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރެކޯޑުކުރެވުނު 658.8 މިލިއަން ރުފިޔާގެ ސާޕްލަސްއާ އަޅައިބަލާއިރު ބޮޑު ފަރަގެކެވެ.












