ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮތް އިހުތިރާމް ކުރުމުގެ ރިވެތި އާދަ އަލުން މުޖުތަމައުގައި އަށަގެންނެވުމަށްޓަކައި ސަރުކާރުން ފަށްޓަވާފައިވާ ”އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު“ ގެ ލޯގޯ ފަރުމާކުރުމުގެ ފުރުސަތު ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން އާންމުކޮށް ހުޅުވާލައިފިއެވެ.
މި މަޝްރޫއަކީ ދިވެހިންގެ މެދުގައި ގެއްލެމުންދާ ރިވެތި އަހުލާގީ ސިފަތައް އަލުން ދިރުވައި އާލާކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ގައުމީ ފެންވަރުގައި ކުރިއަށްގެންދިއުމަށް ނިންމަވާފައިވާ މުހިންމު ކެމްޕެއިނެކެވެ. ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގެ ޝިއާރަކީ ”އިހުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ“ އެވެ.
މި މަޝްރޫއު އިޝްތިހާރުކޮށް، މުޖުތަމައުގައި ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި މީޑިއާތަކާއެކު ހާއްސަ އެއްބަސްވުންތަކެއް ދަނީ އެކުލަވާލަމުންނެވެ. އެގޮތުން މި މަހުގެ 14 ވަނަ ދުވަހު 17 މީޑިއާ ޕާޓްނަރަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، މިއަދު ވަނީ އިތުރު 5 މީޑިއާ ޕާޓްނަރަކާއެކު ސޮއިކޮށްފައެވެ. މިއާއެކު މި މަޝްރޫއުގައި ބައިވެރިވި މީޑިއާތަކުގެ ޖުމުލަ އަދަދު ވަނީ 22 އަށް އަރައިފައެވެ. މި މަޝްރޫއުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ”އެކި އެމްވީ“ އިން ވެސް ބައިވެރިވެއެވެ.
މި މަޝްރޫއަށް ހާއްސަކޮށް ފަރުމާކުރާ ލޯގޯ ހުށަހެޅުމުގެ އުސޫލު މިހާރު އާންމުކޮށްފައިވާއިރު، ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ކްލަބް ޖަމުއިއްޔާތަކަށާއި، އުމުރުން 16 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް މި މުބާރާތުގައި ބައިވެރިވެވޭނެއެވެ. ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން މައުލޫމާތު ދިން ގޮތުގައި ލޯގޯ ފަރުމާކުރުމުގައި އިސްލާމްދީނާއި ދިވެހި ސަގާފަތުގެ ތެރެއިން ލޯތްބާއި ކުލުނު އަދި ދިވެހިވަންތަކަން ރަމްޒުކޮށްދޭންވާނެއެވެ. އަދި ދިވެހި ގައުމާއި ދިވެހިންގެ މާހައުލާ ގުޅޭ ކުލަތައް ބޭނުންކުރުމާއެކު، ބެޖާއި ސްޓިކަރ، ބެނާ އަދި ޓީޝާޓު ފަދަ ތަކެތީގައި ޗާޕުކުރަން ފަސޭހަ، އަދި އިލެކްޓްރޯނިކް މީޑިއާތަކާއި އެނިމޭޝަންތަކުގައި ވެސް ބޭނުންކުރެވޭނެ ފަދަ ފަރުމާއަކަށް ވާންޖެހޭނެއެވެ.
ލޯގޯތައް ވަޒަންކުރުމުގައި މައިގަނޑު ގޮތެއްގައި ބަލާނީ ކޮލިޓީ އަދި ޓެކްނިކަލް ފެންވަރަށާއި، އަސްލުވަންތަކަމާއި އުފެއްދުންތެރިކަމުގެ އިތުރުން، ދިވެހިވަންތަކަމާއި އިހުތިރާމް އަދާކުރުމުގެ މާނަ ލޯގޯއިން ފާޅުވާ މިންވަރަށެވެ. މި މުބާރާތުން އެއްވަނައަށް ހޮވޭ ލޯގޯ ފަރުމާކުރި ފަރާތަކަށް 60،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ކަނޑައަޅައިފައެވެ. މުބާރާތުގެ އެއްވަނަ ލޯގޯ އިއުލާނުކުރުން އޮންނާނީ އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު ރަސްމީކޮށް އިފްތިތާހުކުރުމަށް ބާއްވާ ހާއްސަ ރަސްމިއްޔާތުގައެވެ.
ލޯގޯ ފަރުމާކޮށް ހުށަހެޅުމުގެ އެންމެފަހު ތާރީހަކީ މި މަހުގެ 24 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 އެވެ. ލޯގޯ ހުށަހަޅަންވާނީ އޭގެ ހާޑް ކޮޕީ އަދި ސޮފްޓް ކޮޕީ ހިމެނޭ ގޮތަށް ކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވަނީ މައުލޫމާތު ދީފައެވެ.













