ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބޮޑެތި އަދަދުތަކުން ދަރަނި ދައްކައި އިގްތިސާދު ހަމަމަގަށް އަޅުވަމުންދާއިރު، އެންމެ ބޮޑު ކަންބޮޑުވުމަކީ ގައުމު ނުދަރައިގެން ބަޔަކު އުޅޭތީ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މީސް މީޑިއާގައި ހިއްސާކުރެއްވި ވީޑިއޯ މެސެޖެއްގައި މިނިސްޓަރު ސަޢީދު ވިދާޅުވީ، ދާދިފަހުން ސަރުކާރުން ދެއްކި 50 މިލިއަން ޑޮލަރުގެ ލޯނާއެކު، މިހާތަނަށް މި ސަރުކާރުން މުޅި ޖުމްލަ 1.34 ބިލިއަން ޑޮލަރުގެ ދަރަނި ދައްކައި ހަލާސްކޮށްފައިވާ ކަމަށެވެ. މިއީ ނިމިދިޔަ ސަރުކާރުތަކުން އެކި ނަންނަމުގައި ނަގާފައި ހުރި ބޮޑެތި ލޯނުތަކެއްކަން ފާހަގަކުރައްވަމުން ސަޢީދު ވިދާޅުވީ، މި ލޯނުތައް ދެއްކުމާއެކު ރަހުނުކޮށްފައި ހުރި ރައްޔިތުންގެ އެތައް ހަރުމުދަލެއް ވެސް މިހާރު ސަލާމަތްކުރެވިފައިވާ ކަމަށެވެ.
މީގެއިތުރުން، ބޮޑެތި އަދަދުތަކުން ލޯނުތައް ދައްކަމުންދިޔަ ނަމަވެސް، ރައްޔިތުންނަށް ބޭނުންވާ ތެލާއި، ގޭހާއި، ކާޑުގެ ބާވަތްތަކުގެ އިތުރުން އަސާސީ އެހެން ކާބޯތަކެތި ލިބުމުގައި އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެ ގޮތަށް ހުރިހާ ކަމެއް އިންތިޒާމު ކުރެވިފައިވާ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ. ސަޢީދު ވިދާޅުވީ، އިގްތިސާދު ރަނގަޅުކުރުމަށް ސަރުކާރުން ބުރަ މަސައްކަތްތަކެއް ކުރަމުންދާއިރު، ބައެއް ފަރާތްތަކަށް ގައުމު ބަނގުރޫޓު ނުވެގެން އުޅުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.
”އަޅުގަނޑު ކަންބޮޑު މިވަނީ އަދިވެސް ގައުމު ނުދަރައިގެން އުޅޭ ބަޔަކު އުޅޭތީ. ދެން ހަމަ މިގޮތަށް މި ބައެއް ނޫސްތަކުން އިނގިރޭސި ބަހުން އެބަ ލިޔޭ. ރާއްޖޭގެ ފަތުރުވެރިން ނާންނާނެހެން ހީވާ ހުރިހާ ކަންތައްތަކެއް ހަމަ ހައިލައިޓް ކޮށްލާފަ ވެސް އެބަ ލިޔޭ. އަދި މިވާހަކަތައް ވަރަށް ފޯރީގަ އަޅުގަނޑުމެންނަށް ވާދަވެރި ބައިވަރު ފަރާތްތަކުން އެބަ ދައްކާ.“ – މިނިސްޓަރު ސަޢީދު ވިދާޅުވިއެވެ.
ރާއްޖޭގައި އިންވެސްޓް ނުކުރުމަށާއި، ރާއްޖެއަށް ފަތުރުވެރިން ނައުމަށް ބާރުއަޅައި ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކުގެ ސަބަބުން ލިބޭނެ އެއްވެސް ފައިދާއެއް ނެތްކަން ފާހަގަކުރައްވަމުން ސަޢީދު ވިދާޅުވީ، އޭގެ ސަބަބުން ލިބޭ ގެއްލުމާއި ދެރަ ލިބޭނީ ސީދާ ދިވެހި ރައްޔިތުންނަށް ކަމަށެވެ. އަދި މިއީ އެއްވެސް ޑިމޮކްރެސީއެއްގައި ސިޔާސީ ވާދަވެރިން ވެސް ކުރާ ޒާތުގެ ކަންކަން ނޫން ކަމަށާއި، އެހެން ގައުމުތަކުގައި ސިޔާސީ ގޮތުން ހިޔާލު ތަފާތުވި ނަމަވެސް ގައުމުގެ އިގުތިސާދަށް ކުރިއެރުން ލިބޭ ކަންކަމުގައި އެންމެން އެއްބާރުލުން ދޭކަން އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ އިގްތިސާދު ވެއްޓިފައި އޮތް ނުރައްކާތެރި އަނދަވަޅުން އަރައިގަތުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވަނީ މީގެކުރިން އެއްވެސް ރައީސަކު ކުރައްވާފައި ނުވާފަދަ ބުރަ އަދި ކާމިޔާބު މަސައްކަތްޕުޅުތަކެއް ކަމަށް މިނިސްޓަރު ސަޢީދު ވިދާޅުވިއެވެ. މިނިސްޓަރުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ރައީސް މުޢިއްޒު، ރެޔާއި ދުވާލު ނަތީޖާ ނެރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، އިރާދަކުރެއްވިއްޔާ މި ދަތި ދުވަސްވަރުގައި ޑޮލަރުގެ މައްސަލައަށް ވެސް އެދެވޭ ހައްލެއް ލިބި، ގައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.













