އއ. ތޮއްޑޫގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވެ އާންމުންގެ ޝަކުވާތައް އިތުރުވުމާ ގުޅިގެން އިމިގްރޭޝަނުން އެ ރަށުގައި ހާއްސަ އޮޕަރޭޝަނެއް ހިންގައި ގަވާއިދާ ހިލާފަށް އުޅުނު 107 ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަންގެ ޓާސްކްފޯހުން އިސްނަގައިގެން މިއަދު ހެނދުނު 6 އިން ހަވީރު 4 އާ ދެމެދު ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި ޖުމްލަ 507 ބިދޭސީން ބަލައި ފާސްކޮށްފައިވެ އެވެ. ރަށްރަށުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ފުލުހުންނާއި ކަމާބެހޭ މުވައްސަސާތައް ގުޅިގެން މިފަދަ ރެއިޑް އޮޕަރޭޝަންތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ ވަރަށް ބާރަށް ހިންގަމުންނެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު ރާއްޖޭގެ ބޯޑަރު ކޮންޓްރޯލް ކުރުމާއި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް ވަރަށް ހަރުދަނާ ފިޔަވަޅުތަކެއް ވަނީ އަޅާފަ އެވެ. އެގޮތުން މިދިޔަ ސެޕްޓެމްބަރު މަހާ ހަމައަށް އެކަނިވެސް ގަވާއިދާ ހިލާފަށް އުޅޭ 8،600 އަށް ވުރެ ގިނަ ބިދޭސީން ރާއްޖެއިން ޑީޕޯޓްކޮށްލާފައިވާ ކަމަށް އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރުމާއި، ސައްހަ ވިސާއެއް ނެތި އުޅޭ ފަރާތްތައް ދެނެގަތުމަށް މޯބައިލް އެޕްލިކޭޝަންތަކާއި ހާއްސަ ޕޯޓަލްތައް މެދުވެރިކޮށް އާންމުންނަށް ވެސް ޝަކުވާ ހުށަހެޅޭނެ ނިޒާމުތައް މިހާރު ވަނީ ގާއިމްކޮށްފަ އެވެ.
މީގެ އިތުރުން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ބަޔޯމެޓްރިކްސް ނުވަތަ މޫނާއި އިނގިލީގެ ނިޝާން ހިމެނޭ ގޮތަށް ތަފުސީލު މައުލޫމާތު އެއްކުރުމުގެ މަސައްކަތް ވެސް ސަރުކާރުން އަންނަނީ ވަރަށް ބާރު ސްޕީޑެއްގައި ކުރަމުންނެވެ.














