ދައުލަތުގެ ފަރާތުން އިންޑިއާއަށް ދައްކަންޖެހޭ ދަރަނި ދައްކާ ހަލާސްކޮށްފައިވާކަން ފިނޭންސް މިނިސްޓްރީން ހާމަކުރުމާ ގުޅިގެން، ދަރަނި ދެއްކުމަކީ އުފާ ފާޅުކުރަންޖެހޭ ކަމެއް ނޫން ކަމަށް އެމްޑީޕީގެ ޗެއަރޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވުމާ އެކު، އެ ވާހަކަފުޅަށް ދީނީ ޢިލްމުވެރިޔާ ޝެއިޚް ޒަމްޒަމް ފާރިޝް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ރައްދު ދެއްވައިފިއެވެ.
ރައީސް ނަޝީދު ވިދާޅުވެފައިވާ ގޮތުގައި ޓީބިލު ނުވަތަ އިންޑިއާއަށް ދައްކަން އޮތް ލޯނު ދެއްކީ އަތުޖެހުނު ހުރިހާ ޑޮލަރެއް ބޭނުންކޮށްގެންނެވެ. އޭގެ ސަބަބުން ރާއްޖޭގެ އިގްތިސާދުގައި ދައުރުވާ ހުރިހާ ޑޮލަރެއް ހުސްވެ، މިހާރު ބީއެމްއެލްގައި ޑޮލަރު ނެތް ކަމަށާއި، އަދި އާންމުންގެ ޓްރާންސްފަރ ތަކާއި ޓީޓީ ތައްވެސް އެކަމުގެ ސަބަބުން ހުއްޓިފައިވާ ކަމަށާއި، ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ކުރީ ސަރުކާރުގެ ދަރަނި ރީސްޓްރަކްޗަރ ކޮށްދޭނެ ކަމަށް ވިދާޅުވި ނަމަވެސް މި ސަރުކާރަށް އެކަން ނުކުރެވި ރައްޔިތުންނަށް ބުރަބޮޑުވަމުންދާ ކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ.
ރައީސް ނަޝީދުގެ މި ވާހަކަފުޅަށް ރައްދުދެއްވަމުން ޒަމްޒަމް ފާރިޝް ވިދާޅުވީ، އިސްލާމީ ނަޒަރަކުން ބަލާ ނަމަ ދަރަންޏަކީ ވަރަށް ބިރުވެރި އެއްޗެއް ކަމަށާއި، އެއިން ސަލާމަތް ވުމަކީ ޕާޓީ ބާއްވައި، ޞަދަޤާތްކޮށް، ހަދިޔާ ބަހަންޖެހޭ ވަރުގެ ބޮޑު ނިޢުމަތެއް ކަމަށެވެ. އަދި މިކަންކަން ފަހުމުވާނީ އިސްލާމީ ޢަޤީދާގެ ލެންސުން ކަންކަމާ މެދު ވިސްނައި، ނަބިއްޔާ ﷺ ގެ ޙަދީޘްފުޅުތަކަށް އީމާންވެގެން ކަމަށްވެސް ޒަމްޒަމް ވިދާޅުވިއެވެ.
ޝެއިޚް ޒަމްޒަމް ރައީސް ނަޝީދަށް ފާޑުކިޔުއްވާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓްގައިވަނީ ނަބިއްޔާ صلى الله عليه وآله وسلمގެ ޙަދީޘްފުޅެއްވެސް ހިއްސާ ކުރައްވާފައެވެ. ޒަމްޒަމް ހިއްސާކުރެއްވި ހަދީސްފުޅަކީ «يُغْفَرُ لِلشَّهِيدِ كُلُّ ذَنْبٍ إِلَّا الدَّيْنَ» [رواه مسلم] މާނައީ: “ޝަހީދުންގެ ހުރިހާ ފާފައެއް ފުއްސަވައިދެވޭނެއެވެ. ދަރަނި ފިޔަވައެވެ.”
ޒަމްޒަމްގެ މިޕޯސްޓަށް ވަރަށް ގިނަ ޢާއްމު ފަރާތްތަކުން ވެސް ދަނީ ކޮމެންޓް ކުރަމުންނެވެ. އަދި ނަޝީދުގެ މި ވާހަކަފުޅު، ބަލައި ނުގަނެވޭނެކަމަށް ބުނެ ގިނަބަޔަކުދަނީ ފާޑުކިޔަމުންނެވެ.













