ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބަރޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ދޮގު ތުހުމަތުތަކެއް ކުރަމުންދާ ކަމަށް ބުނެ، އެ ކޮމިޝަނުން އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީތައް ވުޖޫދުވެ، ޕާޓީތަކަށް މެންބަރުން ވެއްދުމުގެ މަސައްކަތް ފެށުނީއްސުރެ ހުއްޓުމެއް ނެތި ޢާންމުންނާއި ސިޔާސީ ޕާޓީތަކުގެ ފަރާތުން ލިބެމުންދިޔަ އެންމެ ބޮޑު ޝަކުވާއަކީ، މީހުންނަށް ނޭނގި އޮޅުވާލައިގެން ޕާޓީތަކަށް މެންބަރުން ވެއްދުމާއި ޕާޓީތަކުން މެންބަރުން ވަކިކުރުމުގެ މައްސަލައެވެ.
މި މައްސަލައަށް ދާއިމީ އަދި ހަރުދަނާ ހައްލެއް Host ހޯދުމަށްޓަކައި، އެކި ދުވަސްވަރު މަތިން ސިޔާސީ ޕާޓީތަކާއި ކަމާގުޅުންހުރި އެކިއެކި އިދާރާތަކާ ގުޅިގެން މަޝްވަރާކުރެވި، އެއިރެއްގެ ޙާލަތާ ގުޅޭގޮތުން ގިނަގުނަ އިސްލާޙީ ބަދަލުތައް އިލެކްޝަންސް ކޮމިޝަނުން ވަނީ ގެނެސްފައެވެ.
އެގޮތުން، ޕާޓީތަކުގެ މެންބަރޝިޕް ނިޒާމުގެ ތެރެއަށް ’އީ-ފާސް‘ ތަޢާރަފްކުރެވުމާއެކު، މި ނިޒާމު ވެގެން ގޮސްފައިވަނީ ޢާންމު ރައްޔިތުން ބަލައިގަންނަ، ނުހަނު އިތުބާރު ހުރި އަދި ދެފުށް ފެންނަ ނިޒާމަކަށެވެ.
މިހާރު ޤާއިމުކުރެވިފައިވާ ނިޒާމުގެ ދަށުން، ކޮންމެ ރައްޔިތަކަށްވެސް އެމީހެއްގެ އަމިއްލަ އީ-ފާސް މެދުވެރިކޮށް، ފުރިހަމަ އިޚްތިޔާރުގައި ބޭނުން ވަގުތެއްގައި ސިޔާސީ ޕާޓީއަކަށް ވަނުމާއި ޕާޓީން ވަކިވުމުގެ ފުރުޞަތު ވަނީ ފަހިކޮށްދެވިފައެވެ.
އެހެންކަމުން، ޕާޓީއަކަށް ވަނުމާއި ޕާޓީން ވަކިވުމަކީ ހަމައެކަނި އެ ފަރާތަކާއި އެ ޕާޓީއަކާ ދެމެދުގައި ހިނގާ މުޢާމަލާތެއް ކަމަށާއި، މިއީ އިތުރުފަރާތެއްގެ ބައިވެރިވުމެއްނެތް، ފަރުދީ މިނިވަންކަމާއި އިޚްތިޔާރުގެ ތެރެއިން ނިންމޭ ނިންމުމެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
މިފަދަ ރައްކާތެރި ނިޒާމެއްގެ ތެރެއިން ކަންކަން ހަމަޖެހިފައިވާއިރު، އެއްވެސް ފަރާތަކަށް ނޭނގި ޕާޓީން ވަކިކުރުމަކީ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުކުރުމަކީ އިލެކްޝަންސް ކޮމިޝަނަށް އަދި އެހެން އެއްވެސް ފަރާތަކަށް ކުރެވޭ ގޮތަށް އޮތް ކަމެއް ނޫން ކަމަށްވެސް އެ ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ.
އޭގެ އިތުރުން، ޙަޤީޤަތާ ޚިލާފު ވާހަކަތައް ނުފެތުރުމަށާއި، ހުރިހާ ފަރާތްތަކުންވެސް ޒިންމާދާރުކަމާއެކު ސިޔާސީ ޙަރަކާތްތައް ހިންގުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނަޞޭޙަތްތެރިވެ އިލްތިމާސްކޮށްފައެވެ.











