ޔޭޔޭ ބްރޭންޑުގެ ސީރިއަލް ޕެކެޓުތަކެއްގައި ގާތްގަނޑަކަށް 3.86 މިލިއަން ރުފިޔާއަށްވާ ބޭރު ފައިސާ ފޮރުވައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެއިން ބޭރަށް ފުރަން އުޅުނު ބަންގްލަދޭޝްގެ ހަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުންގެ އިދާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އޮޕަރޭޝަނަކީ ގަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްތައް ހިންގާ ފަރާތްތައް ހޯދައި އެކަމަށް ގާނޫނީ ފިޔަވަޅު އެޅުމަށް އުފައްދާފައިވާ ޚާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ އެއާޕޯޓުގައި ހިންގުނު އޮޕަރޭޝަނެކެވެ.
ބަންގްލަދޭޝަށް ފުރަން ގޮސް ތިއްބައި ހުއްޓުވި މި ހަ މީހުންގެ އަތުން ތަހުގީގުގެ ބޭނުމަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު ފައިސާގެ ތެރޭގައި 174,161 ޔޫއެސް ޑޮލަރާއި، 56,760 ޔޫރޯގެ އިތުރުން 1,815 ސްޓާލިން ޕައުންޑް ހިމެނޭހެން ޖުމުލަ 18 ގައުމެއްގެ ފައިސާ ހިމެނެއެވެ. މިއެންމެހައި ފައިސާގެ ޖުމުލަ އަގު 3,861,415.29 ދިވެހި ރުފިޔާއަށް އަރާ ކަމަށް ފުލުހުން ހާމަކުރެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު ބިދޭސީންގެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ގަވާއިދާ ޚިލާފަށް ބޭރު ފައިސާ ގެންގުޅުމާއި އޭގެ ވިޔަފާރި ކުރުމުގެ ތުހުމަތުގައި ބިދޭސީން ހައްޔަރުކުރާ މިންވަރު އިތުރުވަމުންދާއިރު، ދިވެހިން ނިވާފަތްގަނޑަކަށް ހަދައިގެން ކަންމަތީ ފިހާރަތައް ހުޅުވައިގެން ގަވާއިދާ ޚިލާފަށް ޑޮލަރު މާރުކުރާ މައްސަލަތައް ފާހަގަކުރެވިފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައެވެ.
މިނިސްޓަރު އިހުސާން އިތުރަށް މައުލޫމާތު ދެއްވި ގޮތުގައި، ހޮޓްލައިން މެދުވެރިކޮށް ލިބުނު މައުލޫމާތުތަކަށް ބަލައި، ފުޅާ ދާއިރާއެއްގައި ގަވައިދާ ޚިލާފަށް ޑޮލަރުގެ މުއާމަލާތްތައް ހިންގަމުންދިޔަ 12 ބިދޭސީއެއްގެ މައްސަލަވެސް މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.
ސަރުކާރުން ވަނީ ޑޮލަރުގެ ކަޅު ބާޒާރު ކޮންޓްރޯލް ކުރުމުގެ ގޮތުން އެމްއެމްއޭއިން ކަނޑައަޅާފައިވާ ރޭޓަށްވުރެ ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކުން އިޝްތިހާރު ކުރުމާއި، ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ކަޅުބާޒާރުގެ ރޭޓުތައް ހާމަކުރުމާއި ފެތުރުން ފަދަ ކަންކަމީ ކުށެއްގެ ގޮތުގައި ކަނޑައަޅައި ހަރުކަށި ފިޔަވަޅުތައް އަޅަން ނިންމާފައެވެ.













