ޕާކިސްތާނުގެ ޚައިބަރު ޕަޚްތުންޚުވާ ޕްރޮވިންސްގެ ކޯހާޓް ޑިސްޓްރިކްޓްގައި ހުރި މިސްކިތަކަށް ހުކުރު ނަމާދު ވަގުތު ދިން ބާރުގަދަ ބޮމުގެ ޙަމަލާއެއްގައި މަދުވެގެން 15 މީހުން މަރުވެ، 50 އަށްވުރެ ގިނަ މީހުންނަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެއެވެ.
ޕެޝާވަރުގެ ހުޅަނގުދެކުނުން 60 ކިލޯމީޓަރު ދުރުގައި އޮންނަ، ފުލުހުންގެ މަރުކަޒަކާ ކައިރީގައި ހުރި މި މިސްކިތަށް ޙަމަލާދީފައިވަނީ ހުކުރު ނަމާދަށް ގިނަ ޢަދަދެއްގެ ބަޔަކު ޖަމާވެފައި ވަނިކޮށެވެ. މިއީ ޕާކިސްތާނުގެ އުތުރުހުޅަނގު ސަރަޙައްދުގެ ސަލާމަތީ ކަންކަން ވަރަށް ބޮޑަށް ގޯސްވެފައިވާކަން ހާމަކޮށްދޭ ނުރައްކާތެރި ޙަމަލާއެކެވެ.
At least 15 people have been killed and more than 50 others injured in a bomb attack at a mosque in Khyber Pakhtunkhwa province, Pakistan.
The blast reportedly caused significant casualties, with emergency teams responding to the scene and transporting the injured to nearby… pic.twitter.com/pkKRkGHsfU
— Diplomat Times (@diplomattimes) September 18, 2026
ކޯހާޓް ޑިސްޓްރިކްޓް ހޮސްޕިޓަލުގެ މެޑިކަލް ސްޕްރިންޓެންޑެންޓް ޠާހިރު ޢަލީ ޝާހް ކަށަވަރުކޮށްދިން ގޮތުގައި، 15 މީހެއްގެ ނިޔާވެފައިވާ ހަށިގަނޑާއި 50 އަށްވުރެ ގިނަ ޒަޚަމްވެފައިވާ މީހުން ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. ފުލުހުންގެ މަރުކަޒާ ކައިރީގައި ހުރި މިސްކިތަކަށް ވުމުން، މަރުވި މީހުންނާއި އަނިޔާވި މީހުންގެ ތެރޭގައި ފުލުހުންގެ ގިނަ އޮފިސަރުންތަކެއް ހިމެނެއެވެ.
ފުލުހުން ބުނާގޮތުގައި މިއީ ވަރަށް ބާރުގަދަ ގޮވުމެކެވެ. މި ގޮވުމުގެ ސަބަބުން މިސްކިތުގެ ބޭރުގައި ބޮޑު ވަޅުގަނޑެއް ހެދިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. ބޮން ގޮވުމުގެ ބާރުގަދަކަމުން މިސްކިތުގެ ފާރުތައް ތަޅައިގެންގޮސް، މިސްކިތުގެ ފުރާޅުވަނީ އެއްކޮށް ނަމާދުކުރަން ތިބި މީހުންގެ މައްޗަށް ވެއްޓިފައެވެ.
ރެސްކިއު 1122 ގެ ޓީމުތަކާއި ޢާންމު ރައްޔިތުން ގުޅިގެން ދަނީ ވެއްޓިފައިވާ އިމާރާތުގެ ބައިތަކުގެ ދަށުން މީހުން ސަލާމަތްކޮށް ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ކުރަމުންނެވެ. ކޯހާޓް ހޮސްޕިޓަލުގައި މިހާރު ވަނީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައެވެ.
މިހާތަނަށް އެއްވެސް ޖަމާޢަތަކުން މި ޙަމަލާގެ ޒިންމާ ނަގާފައިނުވި ނަމަވެސް، ފުލުހުންނަށް އަމާޒުކޮށް ޚައިބަރު ޕަޚްތުންޚުވާގައި ދޭ މިފަދަ ޙަމަލާތަކަކީ ތަޙްރީކޭ ތާލިބާން ޕާކިސްތާން (ޓީޓީޕީ) ފަދަ ހަނގުރާމަވެރި ޖަމާޢަތްތަކުން އާންމުކޮށް ހިންގާ ބާވަތުގެ ޙަމަލާތަކެވެ.













