މީސްތަކުންގެ މެދުގައި ވެވޭ މާލީ އެއްބަސްވުންތަކަށް އިހުތިރާމުކުރުމާއި އެ އެއްބަސްވުންތަކަށް ތަބާވުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
”މާލީ މުއާމަލާތުތަކުގައި ތެދުވެރިވުން“ މި މައުޟޫއަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މިސްކިތްތަކުގައި މިއަދު އިއްވި ހުކުރު ހުތުބާގައި ބުނެފައިވަނީ، މުދަލުގެ މުއާމަލާތްތަކާއި އެހެނިހެން ކަންކަމުގައި ވެވޭ އެއްބަސްވުންތަކަށް އިހުތިރާމްކުރުމަކީ އިސްލާމްދީނުގެ މަތިވެރި އަހުލާގެއް ކަމަށެވެ. އެގޮތުން ދަރަންޏާއި ގަނެވިއްކުމާއި، ކުއްޔަށްދިނުމާއި، އެއްމެދު އެއްބަސްވުންތަކަށް ވަފާތެރިވުމަކީ މުއުމިނުންގެ މަތިވެރި ސިފައެއްކަން ހުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.
މުދާ ގެންގުޅުމުގައި އިސްލާމްދީން ދައްކައިދީފައިވާ މަގަކީ އިގުތިސާދުކުރުންކަން ފާހަގަކުރަމުން ހުތުބާގައި ބުނީ، ހޭދަކުރުމުގައި އިސްރާފުނުކުރުމާއި، ދަހިވެތިނުވެ މެދުމިންކަން ހިޔާރުކުރުމަކީ މުދަލުގައި ބަރަކާތް ލައްވާނެ ސަބަބެއް ކަމަށެވެ. އަދި އިސްރާފުކުރުމަކީ އަތްމަތި ދަތިވެ، ފުން އަނދަވަޅަކަށް އިންސާނާ ވެއްޓޭ ކަމެއް ކަމަށާއި، ބަލިމަޑުކަމާއި ކުއްލިއަކަށް ދިމާވާ ދަތި ހާލަތްތަކުން އަރައިގަތުމަށްޓަކައި މުސްތަގުބަލަށް ފަހަށް ރައްކާކުރުމަކީ ސަލާންޖެހުން ފަދަ ކަންކަމުން ރައްކާތެރިކޮށްދޭނެ ކަމެއް ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.
މީގެއިތުރުން، ބޭނުމެއް ނެތި ނުވަތަ ދަރަނި އަދާކުރެވޭނެ ގޮތެއް ނެތި ދަރަނި ނެގުމުގައި ހައްދުފަހަނަޅައި ދިޔުމުގެ މައްސަލައަށް އަލިއަޅުވާލަމުން ހުތުބާގައި ބުނެފައިވަނީ، ދަރަންޏަކީ ދަރަނިވެރިޔާގެ ބޮލުގައި އެޅިފައިވާ އަމާނާތެއް ކަމަށާއި އެއީ ދަރަނިދޭ މީހާގެ ހައްގެއް ކަމަށެވެ. އެހެންކަމުން ދަރަނި ނަގަންވާނީ ކޮންމެހެން ބޭނުންވެގެން، އެ އަދާކުރެވޭނެ މަގު ތަނަވަސްވެފައިވާ ނަމަ ކަމަށާއި، އަދި ރިބާގެ އެންމެހައި މުއާމަލާތްތަކުން ދުރުހެލިވުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެއްކަން ހަނދާންކޮށްދިނެވެ.
އާއިލާއަށް ހަރަދުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލަމުން ހުތުބާގައި ބުނެފައިވަނީ، އަނބިދަރިންނަށް ކޮންމެހެން ކުރަންޖެހޭ ހޭދައަކީ އެމީހުންގެ ހައްގެއް ކަމަށާއި، ސަވާބާއި ދަރުމައަށް އެދި އާއިލާއަށް ހަރަދުކުރުމަކީ އަޅުކަމެއް ކަމަށެވެ. އަދި އާއިލާގެ މެންބަރުންނަށް މާލީ ކަންކަމުގައި އަދުލުވެރިވުމަށާއި، އިސްރާފުނުކުރުމަށް އަދި ފަހަށް ރައްކާކުރުމަށް ނަސޭހަތްތެރިވުމަކީ އަމާނާތްތެރި، ޒިންމާދާރު މުޖުތަމައެއް ބިނާވުމުގެ އަސްލު ކަމުގައި ހުތުބާގައި ފާހަގަކުރިއެވެ.
ޚުޠުބާ ނިންމާލަމުން، މާލީ މުއާމަލާތްތަކަކީ މާތްﷲ އަށް ކުއްތަންވުމުގެ ވަސީލަތަކަށް ހެދުމަށާއި، ގަނެވިއްކުމާއި އެހެނިހެން މާލީ މުއާމަލާތްތަކުގައި ތެދުވެރިވެ، އަމާނާތްތެރިވެ، މީސްތަކުންގެ ހައްގުތަކަށް ރައްކާތެރިވުމަށް ވަނީ ހުރިހާ މުސްލިމުންނަށް ގޮވާލައިފައެވެ.













