ދިވެހި ދައުލަތުން ދައްކައި ޚަލާޞްކުރި 150 މިލިއަން ޑޮލަރުގެ ބޮންޑަކީ ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ޤައުމު ހިންގަން ނޭނގިގެން ނެގި ދަރަންޏެއް ކަމަށާއި، މި ދަނޑިވަޅުގައި އެ ދަރަނި އެއްފަހަރާ ދެއްކުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ހިތްވަރުގަދަ ނިންމެވުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދުދާއިރާގެ މެންބަރު އަޙްމަދު އަޒާން ވިދާޅުވެއްޖެއެވެ.
އަޒާން މިފަދައިން ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވަމުންނެވެ.
ނަޝީދު ވިދާޅުވީ މިހާރު ބީ.އެމް.އެލް އިން ވެސް ޑޮލަރު ލިބުން ތަދިވެފައިވާކަމަށާއި، އާންމުން ކުރާ ޓްރާންސްފަރތަކާއި ޓީ.ޓީތައް ވެސް މިހާރު ވަނީ މެދުކެނޑިފައި ކަމަށެވެ. އަދި މި ސަރުކާރަށް މި މައްސަލައަށް ހައްލެއް ހޯދައިދެވިފައެއް ނުވާކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން ވެރިކަމަށް ވަޑައިގަތުމަށް ކުރެއްވި ކެމްޕޭނުގައި، ކުރީގެ ސަރުކާރުގެ ދަރަނިތައް ރީސްޓްރަކްޗަރކޮށް، ދިވެހި ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދޭނެ ކަމަށް ވައުދުވެވަޑައިގަތް ނަމަވެސް، ރައްޔިތުންނަށް ކުރިމަތިވަމުންދަނީ އިތުރު ތަކްލީފުތަކާއި ދަތިތަކެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.
އެހެންވިދާޅުވިއިރު ނަޝީދު މީގެކުރިން ވަނީ ރައީސް މުޢިއްޒު ދަރަނި ދައްކަވަމުންދާތީ ތަޢުރީފު ކުރައްވާފައެވެ.
It is very encouraging that the government has paid back the Sukuk bond in full without taking on further debt.👏🏽👏🏽
— Mohamed Nasheed (@MohamedNasheed) April 2, 2026
ނަޝީދުގެ ޕޯސްޓަށް މެންބަރު އަޒާން ދެއްވި ރައްދުގައި ވިދާޅުވީ، ދައުލަތުން މިއަދު ދައްކައި ޚަލާޞްކުރި 150 މިލިއަން ޑޮލަރުގެ ބޮންޑަކީ އެމްޑީޕީގެ ވެރިކަމުގައި ހިންގުމުގެ ޚަރަދުތައް ފޫބެއްދުމަށްޓަކައި، ބޮޑު އިންޓްރެސްޓެއްގައި އަނބުރާ ދައްކަންޖެހޭ ގޮތަށް ނަގާފައިވާ ފައިސާ ކަމަށެވެ.
މިއަދު ދިވެހި ދައުލަތުން ދައްކާ ހަލާސްކުރި 150 މިލިއަން ޑޮލަރުގެ ބޮންޑަކީ އެމްޑީޕީ ވެރިކަމުގައި ގައުމު ހިންގަން ނޭނގިގެން، ހިންގުމުގެ ހަރަދުތައް ފޫބައްދަން ބޮޑު އިންޓަރެސްޓެއްގައި އަނބުރާ ދައްކަންޖެހޭ ގޮތަށް ނެގި ދަރަންޏެއް.
“ރޯލް އޯވާ” ކުރުމަކީ ދަރަނީ ދައްކަން ޖެހޭ ދުވަސް… https://t.co/NcKiH1yEdF
— Ahmed Azaan (@axanner) September 17, 2026
ދަރަނި ދެއްކުމުގައި އެމްޑީޕީ ސަރުކާރުން ޢަމަލުކުރި ގޮތަށް ފާޑުވިދާޅުވަމުން އަޒާން ވިދާޅުވީ، ދަރަނި ”ރޯލް އޯވަރ“ ކުރުމަކީ ފައިސާ ދައްކަންޖެހޭ މުއްދަތު ހަމަވުމުން، ފައިސާ ނެތް ކަމަށް ބުނެ އަހަރެއްހާ ދުވަހަށް ދަރަނި ފަސްކުރުން ކަމަށެވެ. އަދި އެމްޑީޕީގެ ވެރިކަމުގައި ކަންކަން ކުރީ އެގޮތަށް ކަމަށް އަޒާން ފާހަގަކުރެއްވިއެވެ.
”ނަތީޖާއަކަށްވީ ކޮންމެ ފަހަރަކު ދަރަނި ދެއްކުން ފަސްކޮށްދޭމަތިން ކޮންމެވެސް އެހެން ކަމެއް ކުރަންޖެހުން. އަދި އިތުރުވާ މުއްދަތުގައި އެތައް މިލިއަން ޑޮލަރެއް އިންޓަރެސްޓުގެ ގޮތުގައި އިތުރުވަމުން ދިޔުން،“ އަޒާން ވިދާޅުވިއެވެ.
މީގެއިތުރުން، ޤައުމަށް ޑޮލަރުގެ ދަތިކަން ކުރިމަތިވެފައިވާ މިފަދަ ދަނޑިވަޅެއްގައި މިހާ ބޮޑު ދަރަންޏެއް އެއްފަހަރާ ދައްކައި ޚަލާޞްކުރުމަކީ ފަސޭހަކަމެއް ނޫން ކަމަށް އަޒާން ވިދާޅުވިއެވެ. ނަމަވެސް، މި ފައިސާ ދެއްކެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަކީ ޤައުމުގެ އެންމެ މަތީ މަސްލަހަތު އިސްކުރައްވައި ނިންމެވި ހިތްވަރުގަދަ، މުހިންމު ނިންމެވުމެއްގެ ގޮތުގައި އަޒާން ވަނީ ސިފަކުރައްވާފައެވެ.













