ދިވެހިރާއްޖޭގެ މިހާރު އޮތް ލާމަރުކަޒީ ނިޒާމާއި ސިޔާސީ ޕާޓީތަކުގެ ޚިޔާލުތަފާތުވުންތައް ހިންގުމުގެ ތެރެއަށް ވަންނަމުންދާ ގޮތުން، ގައުމަށް އެކަށީގެންވާ ތަރައްގީއެއް ނުލިބޭނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރު ވިދާޅުވެއްޖެއެވެ.
އެސްއެސްޓީވީގެ ”ބާރު ހަތަރެއް“ ޕްރޮގުރާމުގައި ވާހަކަދައްކަވަމުން އޭނާ ފާހަގަކުރެއްވި ގޮތުގައި، ރަށެއްގެ ކައުންސިލަކުން ސަރުކާރު ކުންފުންޏެއް ކޯޓަށް ވައްދާ ހިސާބަށް ކަންކަން ދިއުމަކީ ލާމަރުކަޒީ ނިޒާމު ބައްޓަންވެފައި އޮންނަންޖެހޭ ގޮތެއް ނޫނެވެ. ކުޅުދުއްފުށީގައި ކަރަންޓުގެ ޚިދުމަތާ ގުޅޭގޮތުން ފެނަކަ ކޯޓަށް ދިޔަ މައްސަލައަށް އިޝާރާތްކުރައްވައި ޢުމަރު ވިދާޅުވީ، ސަރުކާރާއި ކައުންސިލްތަކާ ދެމެދު މިފަދަ ދެކޮޅުވެރިކަން ބޮޑުވެ، ދައުލަތް އެކި ބައިބަޔަށް ބެހިގެންދިއުމަކީ މުޅި ނިޒާމަށް ލިބޭ ބޮޑު ހީނަރުކަމެއް ކަމަށެވެ.
ވެރިކަމުގައި އޮންނަ އުސޫލަކަށް ބިނާކޮށް ކައުންސިލްތަކުގެ ސްޓޭންޑު ބަދަލުވަމުންދާކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، ސަރުކާރާ ދެކޮޅަށް އެންމެ ބޮޑަށް އަޑުއުފުލަނީ އެމްޑީޕީގެ ކައުންސިލްތައް ކަމަށާއި ނަމަވެސް އެ ޕާޓީއަކުން ވެރިކަމަށް އައުމުން އެ ރާގު ބަދަލުވާ ކަމަށެވެ. ޕީއެންސީން ވެސް ހަމަ އެ އުސޫލުން އަމަލުކުރަމުންދާކަން ހާމަކުރައްވައި، އޭނާ ވިދާޅުވީ މިއީ ހަމައެކަނި ސިޔާސީ ޕާޓީތަކުގެ މަސްލަހަތު އިސްކުރެވޭ މިންވަރު ހާމަވެގެންދާ ކަމެއް ކަމަށެވެ.
ސަރުކާރު ޒިންމާދާރުކުރުވުމަކީ ރަށު ފެންވަރުގައި ހިންގާ ކައުންސިލްތަކުގެ މަސްއޫލިއްޔަތެއް ނޫން ކަމަށާއި، ރައްޔިތުން އިންތިޚާބުކުރާ މައި ސަރުކާރާ ކައުންސިލްތަކުން ވާދަވެރިވެ ބަޔާން ނެރެމުންދާ ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރަށްރަށުގެ ތަރައްގީގެ ބޭނުންތަކަށް ސަރުކާރުން ބިން ބޭނުންކުރުމުގެ ހައްގު އޮންނަންވާނެ ކަމަށާއި، އެއީ ސަރުކާރުން ބިން ފޭރިގަތުން ކަމަށް ސިފަނުކޮށް ތަރައްގީއަށް ގެންނަންޖެހޭ ރަނގަޅު ބަދަލެއްގެ ގޮތުގައި ދެކެންޖެހޭނެ ކަމަށް ވެސް ޢުމަރު ވަނީ ވިދާޅުވެފައެވެ.










2028 ގައި އަމިއްލަ ކެންޑިޑޭޓް އުމަރު ނަސީރު ހޮވަމާ ވަށްކަމާ ކޮރަޕްޝަން ގޭންގް މާރާމާރީ ޑުރަގު ރިޝްވަތުގެ ވަބާ މިކަންކަން ހުއްޓުވޭނީ ހަމައުމަރު ނަސީރުއަށް އަދި މިޤައުމު ހަށްލުވެސް ކުރެވޭނީ ހަމަ އުމަރުނަސީރު އަށް އަދި މިޤައުމުގައި ޚަރަދުކުޑަ ސަރުކާރެއްވެސް ހިންގޭނީ ހަމަ އުމަރުނަސީރުއަށް އެބޭފުޅާ ގަޓްހުންނާނެ ވަރަށް ވަރަށްސާފް