ދިވެހި ރައްޔިތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށާއި މި ސަރުކާރަށް އިތުބާރުކުރީ، ނިމިދިޔަ އެމްޑީޕީ ސަރުކާރުން ނަގާފައިވާ ބޮޑު ދަރަނިން ރައްޔިތުން މިންޖުކޮށްދެއްވުމުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ސަޢީދު މި މޭރުމުން ވިދާޅުވީ، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް މިދިޔަ އެމްޑީޕީ ސަރުކާރުގައި ނަގާފައިވާ 150 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 2.3 ބިލިއަން ދިވެހި ރުފިޔާ) ގެ ލޯނު، މި ސަރުކާރުން އެއްކޮށް ދައްކައި ހަލާސްކުރުމާ ގުޅިގެން މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
މިއަދަކީ ވަރަށް ބޮޑު ދެ އުފަލެއް ލިބުނު ދުވަހެއް.
އެއް އުފަލަކީ، މޑޕ ސަރުކާރުން މާލީ ނިޒާމް ބޮއްސުންލާން ދޫކޮއްލާ، މަތިމައްޗަށް ދަރަނި ނަގަމުން، ދައުލަތުގެ ބަޖެޓުން އިސްރާފު ޚަރަދުތައް ކުރަމުން ދިޔަދިޔުމުގެ ތެރޭގައި ނަގާފައި އޮތް 150މިލިއަން އެމެރިކާ ޑޮލަރުގެ ލޯނެއް…
— Mohamed Saeed (@em_saeed) September 17, 2026
މިއަދަކީ ދެގޮތަކުން ވަރަށް އުފާވެރި ދުވަހެއްކަން ފާހަގަކުރައްވައި މިނިސްޓަރު ސަޢީދު ވިދާޅުވީ، މިދިޔަ އެމްޑީޕީ ސަރުކާރުގައި މާލީ ނިޒާމު ބޮއްސުންލާން ދޫކޮށްލައި، މަތިމައްޗަށް ދަރަނި ނަގަމުން އަދި ދައުލަތުގެ ބަޖެޓުން އިސްރާފު ހަރަދުތައް ކުރަމުން ދިޔަދިޔުމުގެ ތެރޭގައި ނަގާފައި އޮތް 150 މިލިއަން ޑޮލަރުގެ ލޯނު މި ސަރުކާރުން ދައްކައި ހަލާސްކޮށްފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، ރައްޔިތުން ރައީސް ޑރ. މުޢިއްޒާ ވެރިކަން ހަވާލުކުރީ ގައުމު އިތުރަށް ދަރަނިވެރިވިޔަ ނުދީ، ކާޑާއި، ގޭހާއި ތެލުގެ ދަތިކަމެއް ނާންނާނެހެން އިގްތިސާދު ހަމަމަގަށް އަޅުވައިދެއްވާނެ ކަމުގެ ފުރިހަމަ އިތުބާރާއެކުގައި ކަމަށެވެ. އަދި ރައީސް މުޢިއްޒު ގެންދަވަނީ ރެޔާއި ދުވާލު އެކަމުގެ އަމަލީ ނަތީޖާ ދައްކަވަމުން ކަމަށްވެސް މިނިސްޓަރު ސަޢީދު ވަނީ ވިދާޅުވެފައެވެ.
ދެވަނަ ކަމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވި ކަމަކީ، ވެރިކަންކުރާ މައި ޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އިތުބާރު އެމަނިކުފާނަށް އޮތް މިންވަރު ހާމަވެގެން ދިޔުމެވެ. އެގޮތުން، މިހާރު ކުރިއަށްދާ އެ ޕާޓީގެ ކޮންގްރެސްގެ މަތީ މަޖިލީހުން، ރިޔާސީ ދެވަނަ ދައުރެއްގެ ޓިކެޓް ރައީސް މުޢިއްޒަށް އެރުވުމަށް އިއްތިފާގުން ނިންމި ނިންމުމަށް މިނިސްޓަރު އަލިއަޅުއްވައިލެއްވިއެވެ. މި ނިންމުން ނިންމާފައިވަނީ ކޮންގްރެސްގައި ބައިވެރިވި 1،119 މަންދޫބުންގެ އިއްތިފާގުންނެވެ.
މި ނިންމުން ނިންމަން ޖެހުނު ސަބަބުތައް ހާމަކުރައްވަމުން މިނިސްޓަރު ސަޢީދު ވިދާޅުވީ، ޕީއެންސީގެ ރައީސް އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައިގެން، ކުރިމަތިވި އެތައް އުނދަގޫ ހާލަތްތަކެއް ގިރާކުރައްވައި، ދިވެހީންގެ ރާއްޖެ އަމާން ބަނދަރަކަށް ގެންދިއުމުގެ ޒިންމާ ރައީސް މުޢިއްޒު ނަންގަވަމުން ގެންދަވަނީ ނުހަނު އަމާނާތްތެރިކަމާއެކު ދިވެހި ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކުރައްވައިގެން ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މި ސަރުކާރުން މިހާތަނަށް ދައްކާފައިވާ ދަރަނީގެ ނިސްބަތަކީ ފާއިތުވި ދެ ސަރުކާރުގެ ފުރަތަމަ ދެ އަހަރާއި ބައިގެ މުއްދަތާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ފަދަ ބޮޑު އަދަދެކެވެ. އެގޮތުން، ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގެ ފުރަތަމަ ދެ އަހަރާއި ބައިގެ ތެރޭގައި ދަރަނީގެ ގޮތުގައި 191 މިލިއަން ޑޮލަރު ދައްކާފައިވާއިރު، ކުރީގެ ރައީސް ޞާލިޙުގެ ވެރިކަމުގެ އެ މުއްދަތުގައި ދައްކަވާފައިވަނީ 428 މިލިއަން ޑޮލަރެވެ. ސަރުކާރުން ހާމަކުރައްވާފައިވާ ގޮތުގައި، ދިވެހިރާއްޖޭގެ މާލީ އިތުބާރު ދެމެހެއްޓުމަށްޓަކައި މި ދަރަނިތައް ހަލާސްކުރުމަށް ދައުލަތުގެ ރަސްމީ ރިޒާވްގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު އަދަދެއް ވަނީ ހޭދަކުރެވިފައެވެ.












