ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ކުރިން ނެތް އައު މޮޑެލްތަކާއި ކޮންސެޕްޓްތަކުގެ ޒަރީއާއިން ސަރަޙައްދީ ތަރައްޤީ އަންނަނީ ފެންނަމުން ކަމަށް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސެނެޓުގައި ދެއްވި ޚާއްސަ ޕްރެޒެންޓޭޝަނެއްގައި މިނިސްޓަރު ވިދާޅުވީ، ވޭތުވެދިޔަ 30 އަހަރު ދުވަހު ނުފުއްދި އޮތް ސަރަޙައްދީ ތަރައްޤީގެ އަމާޒު މިހާރު ހާސިލުވަމުންދާ ކަމަށާއި، މިގޮތުން އުތުރާއި ދެކުނުގެ އަތޮޅުތަކުގައި ފަތުރުވެރިކަން ފުޅާކުރުމަށްޓަކައި ތިން ސަރަޙައްދެއް މިހާރު ވާނީ އެކިފަރާތްތަކާ ހަވާލުކުރެވިފައެވެ.
މި މަސައްކަތްތަކުގެ ދަށުން އައްޑޫ ސިޓީގައި ޚާއްސަ އައްސޭރި ޓޫރިޒަމް މަޝްރޫޢެއް ހިންގައި ހަ ހާސް އައު އެނދާއި ސީޕްލޭން ހަބެއް ޤާއިމުކުރުމަށް އަމާޒުހިފާފައިވާކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ. މީގެ އިތުރުން ފުވައްމުލަކުގައި އީކޯ ޓޫރިޒަމާއި ސިޓީ ހޮޓަލެއް އެޅުމުގެ އިތުރުން، ހަލާލް ޓޫރިޒަމާއި، ލޯކަލް ޓޫރިޒަމް، އަދި ސާފިންގ ޓޫރިޒަމް ފަދަ ތަފާތު ވައްޓަފާޅިތައް ތައާރަފުކޮށް، އިންވެސްޓަރުންނަށް ލީސް އެކުއިޒިޝަން ފީއާއި ޓެކްސް ނިޒާމުން ލުއިތައް ދިނުމަށް ހަމަޖެހިފަިއވާ ކަަމށްވެސް އަމީން ވިދާޅުވިއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަކީ 1972 ވަނަ އަހަރު ރަސްމީކޮށް ފެށުނީއްސުރެ ޤައުމީ އިޤްތިޞާދުގެ މައިބަދަ ކަމުގައިވީ ނަމަވެސް، މީގެ ކުރިން މައިގަނޑުގޮތެއްގައި އޭގެ މަންފާ ލިބެމުންދިޔައީ މައި މަރުކަޒީ ސަރަޙައްދުތަކަށެވެ. ނަމަވެސް ފަހުގެ އަހަރުތަކުގައި ގެސްޓްހައުސް ވިޔަފާރިއާއެކު ރަށްރަށަށް ފަތުރުވެރިކަން ފުޅާވެފައިވާއިރު، މި ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ ވީހާވެސް ބޮޑަކަށް އަތޮޅުތަކުގެ އިންފްރާސްޓްރަކްޗަރ އަޕްގްރޭޑްކޮށް، އެއާޕޯޓްތައް ތަރައްގީކޮށްގެން މުޅި ރާއްޖެއަށް ފަތުރުވެރިކަމުގެ ނަފާ ބަހާލުމެވެ.














