ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ލީޑަރޝިޕްގެ ދަށުން، ދުރާލާ ރޭވިގެން ކަމާބެހޭ ފަރާތްތަކާ ގުޅިގެން ދަރަނި ބެލެހެއްޓުމުގެ ސިޔާސަތު ފުރިހަމައަށް ތަންފީޒުކުރަމުންދާ ކަމަށް ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ނިމިދިޔަ އެމްޑީޕީ ސަރުކާރުން 2019 ވަނަ އަހަރު ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް ހޯދި 150 މިލިއަން ޑޮލަރުގެ ލޯނުގެ ތެރެއިން ބާކީ ހުރި 50 މިލިއަން ޑޮލަރު މިއަދު ދައްކައި، ސަރުކާރުން ވަނީ އެ ދަރަނި ފުރިހަމައަށް ހަލާސްކޮށްފައެވެ.
މިކަމާ ގުޅިގެން ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ ލީޑަރޝިޕްގެ ދަށުން ދަރަނި ބެލެހެއްޓުމުގެ ސިޔާސަތު ހަރުދަނާ ރޭވުންތެރިކަމާ އެކު ތަންފީޒުކުރެވެމުންދާ ކަމަށެވެ. ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ގަވާއިދުން ފައިސާ ޖަމާކުރެވެމުންދާ ކަމަށާއި، ތެލާއި ކާޑުގެ ބާވަތްތަކާއި ބޭހުގެ ސަޕްލައި ކެނޑިނޭޅި ކަށަވަރުކުރުމަށް ބޭނުންވާ ހުރިހާ އިންތިޒާމެއް ފުރިހަމަ ގޮތުގައި ހަމަޖެހިފައިވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
Today, we completed repayment of the $150 million borrowed through State Bank of India in 2019, settling the final $50 million instalment.
Under the leadership of President Dr. @MMuizzu, our Government continues to manage debt responsibly through advance planning and regular…
— Hassan Zareer (@Finance_Min_MV) September 17, 2026
އެމްޑީޕީ ސަރުކާރުން ބަޖެޓް ސަޕޯޓަށް ހޯދި މި ލޯނު ދެއްކުމުގައި، މި ސަރުކާރުން ވަނީ ތިން ހަރުފަތަކަށް ބަހާލައިގެން ފައިސާ ދައްކާ ހަލާސްކޮށްފައެވެ. އެގޮތުން ފުރަތަމަ 50 މިލިއަން ޑޮލަރު ޖެނުއަރީ 2024 ގައި ދެއްކިއިރު، ދެވަނަ 50 މިލިއަން ޑޮލަރު 11 މެއި 2024 ގައި ދައްކާ ހަލާސްކޮށްފައިވެއެވެ. ތިންވަނަ އަދި އެންމެ ފަހު ބައި ދެއްކީ މިއަދެވެ.
ދަރަނި ދެއްކުމާ ގުޅިގެން ޒަރޫރީ މުދާ އެތެރެކުރުމަށް ބޭރު ފައިސާ ލިބުން ދަތިވާނެ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ހަގީގަތާ ހިލާފު، އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ފިނޭންސް މިނިސްޓްރީން ވެސް ވަނީ ބުނެފައެވެ. ޒަރޫރީ މުދަލާއި އަސާސީ ހިދުމަތްތައް ރައްޔިތުންނަށް ކެނޑިނޭޅި ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ ސިޔާސަތު ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، އޮގަސްޓް 2025 ގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ ގާތްގަނޑަކަށް 644 މިލިއަން ޑޮލަރުގައެވެ. ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި ތަރައްގީގެ ބައިވެރިންނާ އެކު ކުރިއަށްދާ މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން ބޭރު ފައިސާގެ ރިޒާވަށް އިތުރު ކުރިއެރުން ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ދެކެއެވެ.













