ނިމިދިޔަ އެމްޑީޕީ ސަރުކާރަށް ކުރެވުނު ކަމަކީ ލޯނު ނެގުން ކަމަށާއި އަދި މި ސަރުކާރުން އަންނަނީ އޭރު ނަގާފައިވާ ލޯނުތައް ދައްކާ ހަލާސްކުރަމުން ކަމަށް ހޯމް މިނިސްޓަރު ޢަލީ އިޙުސާން މިއަދު ވިދާޅުވެއްޖެއެވެ.
މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އިޙުސާން ވަނީ އެމްޑީޕީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އިޙުސާން ވިދާޅުވީ ”އެވެރިންނަށް އޮތީ ނެގުން ކަމަށާއި މިވެރިންނަށް އޮތީ ދެއްކުން ކަމަށެވެ. އޭނާ އެ އިޝާރާތްކުރެއްވީ، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން 2019 ވަނަ އަހަރު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ނެގި 150 މިލިއަން އެމެރިކާ ޑޮލަރުގެ ޓީ ބިލް ފެސިލިޓީގެ އެންމެފަހު ޕޭމެންޓް، (50 މިލިއަން ޑޮލަރު) ދައްކައި ލޯނު ފުރިހަމައަށް ހަލާސްކުރުމާ ގުޅިގެންނެވެ.
އިޙުސާން ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ރައްޔިތުން ބަނޑަށް ޖެހޭނެ ކަމަށް ބުނެ، ފާއިތުވި ތިން އަހަރު 10 ފަހަރަށް ވުރެ ގިނަ ފަހަރު ވާހަކަތައް ދައްކަމުންދިޔަ ކަމަށެވެ. ”އެހެންނަމަވެސް ކޮންމެ ފަހަރަކު ބަނޑަށް ޖެހެނީ އެވެރިން، އެއީ ސިޔާސީ ގޮތުން،“ ކަމަށް އިޙުސާން ވަނީ ވިދާޅުވެފައެވެ.
އިޙުސާން މި މޭރުމުން ވިދާޅުވެފައިވާއިރު ފާހަގަކޮށްލަންޖެހޭ ކަމަކީ، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ނިމިދިޔަ އެމްޑީޕީ ސަރުކާރުން ނަގާފައިވާ 150 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 2.3 ބިލިއަން ދިވެހި ރުފިޔާ) ގެ ލޯނު، މި ސަރުކާރުން މިއަދު ވަނީ އެއްކޮށް ދައްކައި ހަލާސްކޮށްފައެވެ. މިއީ ދައުލަތުގެ ބަޖެޓު ހަރަދުތައް ހަމަޖެއްސުމަށްޓަކައި 2019 ވަނަ އަހަރު ތިން ފަހަރެއްގެ މަތިން ޓީ ބިލް ވިއްކައިގެން ނަގާފައިވާ ދަރަންޏެކެވެ. އެގޮތުން 2019 ވަނަ އަހަރުގެ މާރިޗު 17 ގައި 50 މިލިއަން ޑޮލަރު، ޖޫން 26 ގައި 50 މިލިއަން ޑޮލަރު، އަދި އޮކްޓޫބަރު 1 ގައި 50 މިލިއަން ޑޮލަރު ނަގާފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.
މި ލޯނާ ގުޅޭގޮތުން މީގެ ކުރިން މޭ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ، 2020 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާއި ހަމައަށް އެމްޑީޕީ ސަރުކާރުން މި ދަރަނި އަނބުރާ ދެއްކުން ތަކުރާރުކޮށް ފަސްކުރަމުން އައި ކަމަށެވެ. ނަމަވެސް، މި ސަރުކާރުން ވަނީ މީގެ ތެރެއިން ފުރަތަމަ 50 މިލިއަން ޑޮލަރު މިއަހަރުގެ ޖަނަވަރީ މަހުގެ ހަތް ވަނަ ދުވަހު އަދި ދެވަނަ ދަރަނި 50 މިލިއަން ޑޮލަރު މެއި މަހު ދައްކައިފައެވެ. އަދި ބާކީ 50 މިލިއަން ޑޮލަރު ދެއްކުމާއެކު، މި ލޯނު މިވަނީ އެއްކޮށް ދައްކާ ހަލާސްކުރެވިފައެވެ.













