ތ. ގުރައިދޫގައި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝާހް އަލަމް މިއާ މަރާލި މައްސަލާގައި، އެ ކުށް ސާބިތުވެ ބަބުލް މިއާ އުމުރަށް ޖަލަށްލުމާއެކު އެއް މިލިއަން ރުފިޔާ މަރުގެ ދިޔައިގެ ގޮތުގައި ދައްކަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝާހް އަލަމް މިއާއަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައި އޮއްވާ ފެނިފައިވަނީ 2020ވަނަ އަހަރު ގުރައިދޫގެ ސިނާއީ ސަރަހައްދުގައި އޭނާ ދިރިއުޅުނު ގެ ކައިރިންނެވެ. އެ މައްސަލާގައި ދައުލަތުން ދައުވާކޮށްފައިވަނީ ބަންގްލަދޭޝްގެ ބަބުލް މިއާގެ މައްޗަށެވެ.
އެ މައްސަލާގައި ބަބުލްގެ މައްޗަށް ކުރި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައެޅުމަށްފަހު، ޝާހް އަލަމް މިއާގެ ވާރިސުންގެ ބަސް ހޯދާފައިވެ އެވެ. ވާރިސުން ބޭނުންވީ މަރުގެ ދިޔަ ހޯދުމަށެވެ.
އެހެންވެ، ބަބުލް މިއާ އުމުރަށް ޖަލަށްލުމާއެކު މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދައްކަން އޭނާގެ މައްޗަށް ހުކުމްކުރީ އިއްޔެ ކަމަށް ކޯޓު ހުކުމުގައިވެ އެވެ. އަދި ކައްފާރާގެ ގޮތުގައި ޖެހިޖެހިގެން ދެ މަސް ދުވަހުގެ ރޯދަ ހިފުމަށްވެސް ހުކުމުގައި އަންގާފައިވެ އެވެ.
އެހެން ނަމަވެސް އޭނާ ކުރިން ބަންދުގައި ހޭދަކުރި މުއްދަތު އަރުވާ އުނިކުރުމުން އޭނާ ދެން ތަންފީޒު ކުރަންޖެހޭ ހުކުމުގެ މުއްދަތު މަދުވާނެއެވެ.
ފުލުހުން ކުރިން ހާމަކޮށްފައިވާ ގޮތުގައި ޝާހުއަށް ހަމަލާދީ މަރާލާފައިވަނީ އެ ދެ މީހުންގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިންނެވެ. މި މައްސަލައިގެ ތަހުގީގު ނިންމައި ދައުލަތުން ކޯޓަށް މައްސަލަ ހުށަހަޅައިގެން މިހާރުވަނީ މި މައްސަލައަށް ގޮތެއް ނިންމާފަ އެވެ.













