ފެނަކަ ކޯޕަރޭޝަން އުވާލައި، އެ ކުންފުނިން ދެމުން އައި ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ނިންމެވި ނިންމެވުމާ ގުޅިގެން، އަލަށް ހަވާލުވާ ރަށްރަށުގެ ޔުޓިލިޓީ ހިދުމަތްތަކުގެ މިހާރުގެ ހާލަތު ދެނެގަތުމުގެ އަމަލީ މަސައްކަތް ސްޓެލްކޯއިން ފަށައިފިއެވެ.
މި ނިންމެވުމަކީ ފެނަކައިގެ ހިންގުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ނުގެންދެވޭނެ ކަމަށް ފަންނީ ބޭފުޅުން އިރުޝާދު ދެއްވުމާ ގުޅިގެން، މުޅި ރާއްޖޭގެ ކަރަންޓުގެ ހިދުމަތް އެއް ކުޑަފަތެއްގެ ދަށަށް ބަދަލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމެކެވެ.
ސްޓެލްކޯއިން މިހާރު އަންނަނީ ހާއްސަ ޓީމުތަކެއް އެކުލަވާލައިގެން އައްޑޫ ސިޓީއާއި ގދ. ތިނަދޫ ހިމެނޭހެން ތަފާތު ރަށްރަށަށް ޒިޔާރަތްކޮށް، ފެނަކައިގެ މުވައްޒަފުންނާ ބައްދަލުކޮށް ސާވޭތައް ކުރިއަށް ގެންދަމުންނެވެ.
ފެނަކަ އުވާލަން ނިންމި އެންމެ ބޮޑު އެއް ސަބަބަކީ ނިމިދިޔަ ސަރުކާރުގައި އެ ކުންފުނީގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި ނާޖާއިޒު އަމަލުތަކުގެ މައްސަލަތައް އޮޑިޓާ ޖެނަރަލްގެ ރިޕޯޓުތަކުން ހާމަވުމެވެ.
މިގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފެނަކައާ ގުޅޭ 161 މައްސަލައެއް ތަހުގީގު ކުރަމުންދާއިރު، ނާޖާއިޒު ގޮތުގައި ގެއްލުނު 21.4 މިލިއަން ރުފިޔާ އަނބުރާ ހޯދަންވެސް ވަނީ އަންގާފައެވެ.
މީގެއިތުރުން، ވޭތުވެދިޔަ ސަރުކާރުގައި މުދަލާއި ހިދުމަތް ހޯދުމުގައި ހިންގި ކޮރަޕްޝަންގެ މައްސަލައެއްގައި ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދުގެ މައްޗަށް ވަނީ ޖަލު ހުކުމެއްވެސް އިއްވާފައެވެ.
ކުންފުނީގެ ހިންގުމަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ 8،000 އަށްވުރެ ގިނަ މުވައްޒަފުން ތިބުމުގެ ސަބަބުން މުސާރައަށް ބޮޑު ހަރަދެއް ހިނގައި، އިންޖީނުގެތަކަށް ބޭނުންވާ ތެލާއި ސްޕެއާޕާޓްސް ހޯދުމަށް ފައިސާ ނުލިބި ހިދުމަތަށް ބުރޫއެރުމެވެ.














