ބައިނަލްއަޤުވާމީ ކަނޑުދަތުރުފަތުރާއި ވިޔަފާރީގެ މުހިންމު މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ސަޢޫދީ ޢަރަބިއްޔާއިން އިސްނަގައިގެން އުފެއްދި ”މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަން“ ގެ ޗާޓަރުގައި ދިވެހިރާއްޖެއިން މިއަދު ރަސްމީކޮށް ސޮއިކޮށްފިއެވެ.
ބަންޑާރަކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން މި މުޢާހަދާގައި ސޮއިކުރެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ. މިއީ ބާބިލް މަންދެބް، ރަތްކަނޑު އަދި ގަލްފް އޮފް އެޑަން ހިމެނޭ ސަރަޙައްދުން ދަތުރުކުރާ އުޅަނދުތަކަށް ފްރީޑަމް އޮފް ނެވިގޭޝަން ކަށަވަރުކޮށްދީ، ބައިނަލްއަޤުވާމީ ވިޔަފާރި މަގުތަކުގެ ސެކިއުރިޓީ ޤާއިމުކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މުހިންމު އިއްތިހާދެކެވެ.
މި ކޯލިޝަނަކީ ރަތްކަނޑާއި އެ ސަރަޙައްދުގެ ކަނޑުމަގުތަކުގައި ޙޫޘީން ދެމުންދާ ޙަމަލާތަކާ ގުޅިގެން ދުނިޔޭގެ ވިޔަފާރިއާއި ހަކަތަ ފޯރުކޮށްދިނުމުގެ މަގުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން ސަލާމަތްވުމަށްޓަކައި، ސައުދީ އަރަބިއްޔާއިން އިސްނަގައިގެން މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ރިޔާޟްގައި ބޭއްވި ބައްދަލުވުމަކަށްފަހު އުފެއްދި ދިފާޢީ އިއްތިހާދެކެވެ. ސައުދީގެ މައި އިދާރާގައި ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރާއެކު ޤާއިމުކޮށްފައިވާ މި އިއްތިހާދުގައި ބަޙްރައިން، ޤަޠަރު، ކުވެއިތު، މިޞްރު، ތުރުކީ، ޕާކިސްތާން، ޖިބޫތީ އަދި ސޯމާލިއާ ފަދަ 14 ޤައުމަކުން ކުރިން ބައިވެރިވެފައިވެއެވެ.
ރާއްޖެއިން މި ކޯލިޝަންގައި ބައިވެރިވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ހުށަހެޅުއްވުމަށް، ފާއިތުވި އޮގަސްޓު މަހުގެ ތެރޭގައި މަޖިލީހުން ވަނީ 58 މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްދީފައެވެ. މި ބައިވެރިވުމުގެ ސަބަބުން ރާއްޖެއަށް މުދާ ގެނައުމަށް ބޭނުންކުރާ ކަނޑުގެ މުހިންމު މަގުތަކުގެ ރައްކާތެރިކަން ކަށަވަރުވެ، ސައުދީ އަރަބިއްޔާއާއެކު އޮތް އަޚުވަންތަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.
މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދާއި، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްގެ އިތުރުން ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްތާނީ އާއި އެމްއެންޑީއެފްގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މި އިއްތިހާދަކީ ހަމައެކަނި ދިފާޢީ މަޤްޞަދުގައި އުފެއްދާފައިވާ، ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އދ.ގެ މުޢާހަދާތަކަށް ފުރިހަމައަށް ޙުރުމަތްތެރިކޮށްހިތާ ކޯލިޝަނެކެވެ.













