ހދ. ހަނިމާދޫ ޞިއްޙީ މަރުކަޒަށް 27 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، އެ މަރުކަޒުގައި އަލްޓްރާ ސައުންޑް ސްކޭންގެ ޚިދުމަތް މިއަދު ރަސްމީކޮށް ދޭން ފަށައިފިއެވެ.
މި ޚިދުމަތް އިފްތިތާޙުކޮށްދެއްވީ ހަނިމާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ އައިޝަތު ޢީސާއާއި، އެ މަރުކަޒުގައި ފޫޅުމާއެއްގެ ގޮތުގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވުމަށްފަހު ޝަރަފުވެރިކަމާއެކު ވަކިވެވަޑައިގެންނެވި މަރިޔަމް މޫސާއެވެ.
އަލަށް ފެށުނު މި ޚިދުމަތުގެ ދަށުން މާބަނޑު މީހުންގެ ސްކޭންތަކުގެ އިތުރުން ޖެނެރަލް އަލްޓްރާ ސައުންޑް ސްކޭންތައް ވެސް މިއަދުން ފެށިގެން އެ މަރުކަޒުން ހެދޭނެއެވެ.
އެ މަރުކަޒުން މައުލޫމާތު ދޭ ގޮތުގައި މާބަނޑު މީހުންގެ ސްކޭންތައް ކުރައްވާނީ އެ ރަށުގައި ހުންނަވާ އަންހެނުންގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެވެ. އަދި އެތެރެހަށީގެ ސްކޭންތައް ކުރައްވާނީ އެތެރެހަށީގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެވެ.
ޞިއްޙީ މަރުކަޒު ހިންގުމާ ޙަވާލުވެ ހުންނެވި ސީނިއާ އެޑްމިނިސްޓްރޭޓިވް އޮފިސަރ އަޙްމަދު ޝަމީމް ވިދާޅުވީ، މަރުކަޒުގެ އާބާތުރަ ފިލުވުމަށާއި، ބަލިމީހުންނާއި މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކޮށް ލުއިފަސޭހަ މަގުތަކެއް ފަހިކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.
މީގެއިތުރުން، މިއަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު އެ މަރުކަޒުގައި ޑައިލިސިސްގެ ޚިދުމަތް ފެށުމަށްޓަކައި ހެލްތު މިނިސްޓްރީން އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ހަނިމާދޫގައި މިހާރު އިމާރާތްކުރަމުންދާ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ނިމުމުން، އެކްސްރޭގެ ޚިދުމަތް ވެސް އެ ރަށުން ލިބެން ފަށާނެއެވެ.
އަތޮޅުތެރޭގެ ޞިއްޙީ ނިޒާމު ތަރައްޤީކޮށް، ސަރަޙައްދީ ފެންވަރުގައި ޚިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ކުރިއަށްދާ މަޝްރޫޢުތަކުގެ ދަށުން، ރާއްޖޭގެ ގިނަ ރަށްރަށުގައި ޑައިލިސިސްއާއި އެކްސްރޭ އަދި ލެބޯޓްރީގެ ޚިދުމަތްތައް އަންނނީ އިތުރަށް ތަރައްޤީކުރެވެމުންނެވެ.













