ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ އައު ލީޑަރޝިޕް އިންތިޚާބުކުރުމާއެކު ޕާޓީއަށް އިތުރު އާރޯކަމާއި ފާގަތިކަން އަންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީއަށް ދެއްވި ބަސްދީޤަތުމެއްގައި ނާއިބު ރައީސް ވިދާޅުވީ، ޕާޓީގެ މަތީ މަޖިލީހުގައި އިންތިޚާބު ކުރެވިގެން ދިޔަ މަޤާމުތަކާއެކު ޕީއެންސީގެ ތަރުތީބު ބައްޓަންވެގެން ދިޔައީ މުޅި ރާއްޖެ ތަމްސީލުވާނެ ގޮތަކަށް ކަމަށެވެ. އަދި އިންތިޚާބުވި ލީޑަރޝިޕްގައި ހިމެނެނީ ނުހަނު ކުޅަދާނަ، ޤާބިލް ބޭފުޅުންތަކެއް ކަމަށާއި، އެ ބޭފުޅުންގެ އިސްނެންގެވުމާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ މަސައްކަތްޕުޅުތަކަށް ވަރަށް ބޮޑު ފަސޭހަކަމެއް ލިބިގެންދާނެ ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ކޮންގްރެސްގެ ތެރެއިން ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މަތީ މަޖިލީހުގައި ބައިވެރިވެވަޑައިގެންނެވި ތަފާތު ދާއިރާތަކުގެ އިސް މެންބަރުންނާ ބައްދަލުކުރައްވާފައެވެ. އެގޮތުން ސްޓިއަރިންގ ކޮމިޓީތަކުގެ މެންބަރުންގެ އިތުރުން ޒުވާނުންގެ ރައީސުންނާއި، ކައުންސިލްތަކުގެ ރައީސުން އަދި އަންހެނުންގެ ރައީސުންނާއެކު ބޭއްވި ބައްދަލުވުންތަކުގައި ކުރެވުނު މަޝްވަރާތަކާއެކު، ކުރިއަށް އޮތް ތަނުގައި ޕީއެންސީ މުޅި ރާއްޖޭގައި އިތުރަށް ވަރުގަދަވެ ޙަރަކާތްތެރިވާނެކަމަށް ފާހަގަކުރައްވަމުން ނާއިބު ރައީސް ވަނީ މިއީ ރާއްޖޭގެ ސިޔާސީ ތާރީޚުގައިވެސް ވަރަށް ކާމިޔާބު ކޮންގްރެސްއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، އަދި 2024 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބޮޑު ސުޕަރ-މެޖޯރިޓީއެއް ހޯދައިގެން މިވަގުތު ރާއްޖޭގެ ވެރިކަން ކުރަމުން އަންނަ މައި ސިޔާސީ ޕާޓީއެވެ. ޕާޓީގެ ޤަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ބޭއްވޭ މަތީ މަޖިލީހަކީ ޕާޓީގެ ސިޔާސަތުތައް ކަނޑައެޅުމަށާއި، ލީޑަރޝިޕް އިންތިޚާބުކޮށް، ކުރިއަށް ހުރި ސިޔާސީ ޙަރަކާތްތަކުގެ މިސްރާބު ކަނޑައެޅުމަށް ބޭއްވޭ އެންމެ މުހިންމު ނިންމުންތައް ނިންމާ އެންމެ މަތީ ގުނަވަނެވެ.













