ދިވެހި ފައިސާ، ޑިޖިޓަލް ދުނިޔޭގައި ބޭނުންކުރުމަށް އިތުރު ފަސޭހަތަކެއް ގެނެސްދެމުން، ދުނިޔޭގެ އެންމެ ބޮޑު އެއް ޓެކްނޮލޮޖީ މިންގަނޑު ކަމަށްވާ ’ޔުނިކޯޑް ސްޓޭންޑާޑް‘ ގައި ދިވެހި ރުފިޔާގެ ރަސްމީ ނިޝާން ހިމަނައިފިއެވެ. ދަ ޔުނިކޯޑް ކޮންސޯޓިއަމް އިން ދާދިފަހުން ނެރުނު ޔުނިކޯޑް 18.0 ވާޝަންގައި މި ނިޝާން ހިމަނާފައިވާއިރު، މިއާއެކު ބައިނަލްއަޤްވާމީ ޕްލެޓްފޯމްތަކުގައި ރުފިޔާގެ ނިޝާން އެއްގޮތަކަށް ބޭނުންކުރުމުގެ މަގު މިވަނީ ފަހިވެގެން ގޮސްފައެވެ.
އަލަށް ނެރުނު ޔުނިކޯޑް ވާޝަންގައި ދިވެހި ރުފިޔާގެ ނިޝާނަށް ދީފައިވާ ރަސްމީ ކޯޑް ޕޮއިންޓަކީ U+20C2 އެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފައިވާ ގޮތުގައި މިއީ ޑިޖިޓަލް ވަސީލަތްތަކުގައި ދިވެހި ފައިސާގެ ނިޝާން ފަސޭހަކަމާއެކު ބޭނުންކުރުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. އަދި މި ބަދަލުގެ ސަބަބުން ވެބްސައިޓްތަކާއި، މޯބައިލް އެޕްލިކޭޝަންތަކުގެ އިތުރުން އެކިކަހަލަ ޑިޖިޓަލް ސޮފްޓްވެއާތަކުގައި މި ނިޝާން އެއް މިންގަނޑަކުން ދެނެގަނެވޭނެއެވެ.
ބައިނަލްއަޤްވާމީ ގޮތުން މި ނިޝާން ބަލައިގަނެވިފައި މިވަނީ، ދިވެހި ރުފިޔާއަށް ހާއްސަ ނިޝާނެއް އެމްއެމްއޭއިން 2022 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ތަޢާރަފުކޮށްފައި ވަނިކޮށެވެ. ދިވެހި އަކުރު ”ރ“ (ރާ) އަސްލަކަށް ބަލައިގެން، މެދުން ރޮނގެއް ކަނޑާފައި އިންނަ ގޮތަށް މި ނިޝާން ފަރުމާކޮށްދީފައިވަނީ ޙަސަން ޝުޖާޢު އެވެ. މި ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި އެމްއެމްއޭއިން ވަނީ ޔުނިކޯޑުގައި މި ނިޝާން ރަޖިސްޓްރީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެހެންކަމުން، މިކަން ކާމިޔާބުވުމާ ގުޅިގެން އެ އޮތޯރިޓީން ވަނީ މި މަސައްކަތުގައި އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.
ޔުނިކޯޑް ކޮންސޯޓިއަމްއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރާ އަކުރުތަކާއި، ފައިސާގެ ނިޝާންތަކުގެ އިތުރުން އެހެނިހެން ސިމްބަލްތައް ޑިޖިޓަލް ޕްލެޓްފޯމްތަކުގައި އެއް މިންގަނޑަކުން ދެނެގަނެވޭނެ ނިޒާމު އެކުލަވާލައި ބަލަހައްޓާ ބައިނަލްއަޤްވާމީ ޖަމިއްޔާއެވެ. ގައުމުތަކުގެ ފައިސާގެ ނިޝާން ޑިޒައިން ކުރުމަކީ އެ ގައުމެއްގެ އަމިއްލަ ކަމަކަށް ވީނަމަވެސް، އެ ނިޝާނެއް ބައިނަލްއަޤްވާމީ ޓެކްނޮލޮޖީގެ ފެންވަރުގައި ބަލައިގަންނަނީ ޔުނިކޯޑް މިންގަނޑުގެ ތެރެއިންނެވެ.










